ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅޭ މީހުންގެ އަތުން އެ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދީ، އެފަދަ އެއްޗެއް މީހެއްގެ އަތުން ފެނިއްޖެ ނަމަ އެ މީހަކު 2000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި ވާގޮތުން އެއްވެސް ތަނެއްގައި ވޭޕެއް، އިލެކްޓްރިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އެއްޗެއް ގެންގުޅޭ ތަން ފެނިއްޖެ ނަމަ، ބޭނުން ނުކުރި ނަމަވެސް، އެ މީހަކު 2000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެއް އަތުލުމުގެ ބާރު ވެސް ތަންފީޒީ އިދާރާތަކަށް އެ ގަވާއިދުގެ ދަށުން ވަނީ ދީފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، އެފަދަ އެއްޗެއް އަތުލުމަށް ފުލުހުން އުޅުމުން، އެކަމަށް ދެކޮޅު ހަދައިފި ނަމަ އެއީ ވަކި ފަރުދެއް ނަމަ، އެމީހަކު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަމަށް އިންކާރު ކުރީ ވިޔަފާރި ޝަހުސިއްޔަތަކުން ނަމަ އެ ވިޔަފާރިއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
މިއަދު އާންމުކުރި ގަވާއިދުގެ ދަށުން ކުރާ ޖޫރިމަނާ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންޖެހޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އެ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ދުންފަތް ވިއްކުމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައި ލިޔެފައިވެ އެވެ.
މި ބަދަލާއެކު މީހަކު ބަލައި ފާސްކުރަނިކޮށް ވޭޕެއް ފެނުނު ނަމަވެސް ނުވަތަ ރާއްޖެއަށް ބޭރުން އަންނަ މީހެއްގެ އަތުން ވޭޕެއް ފެނުނު ނަމަވެސް އެ މީހެއްގެ އަތުން އެ އަތުލެވޭނެ އެވެ.
އެގޮތަށް އަތުލާ ކޮންމެ އެއްޗެއް، އެ އަތުލި އިދާރާއަކުން ނައްތައިލަންޖެހޭނެ ކަމަށާއި ނައްތައިލާ ތަކެތީގެ ރިޕޯޓެއް ކޮންމެ ހަ މަހަކުން އެއްފަރު ހެލްތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ ޖޫރިމަނާ ކުރާތާ ހަތް ދުވަސް ތެރޭގައި ލިޔުމަކުން ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުގެ އިހުތިޔާރު ގަވާއިދުގައި ދީފައިވެ އެވެ. އެގޮތަށް ހުށަހަޅާ ޝަކުވާތަކަށް ރަސްމީ 15 ދުވަސް ތެރޭގައި ޖަވާބު ދިނުމަށް މިނިސްޓްރީއަށް ގަވާއިދުން ލާޒިމު ކޮށްފައިވެ އެވެ.
ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީ، ވޭޕެއް ފެނިއްޖެ ނަމަ 2000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތް ހަދައިފި ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީ، ވޭޕެއް ފެނިއްޖެ ނަމަ 2000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ