ހަވަޔާއެކު ހުޅުމާލެއަށް ލިވަޕޫލް ސަޕޯޓަރުންގެ އީދެއް
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލްގެ ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުން ހުޅުމާލޭ ފޭސް ދޭއްގައި ކުރިޔަށްގެންދިޔަ ހަރަކާތްތައް ސިފަވީ ކުޑަވަރެއްގެ އީދެއްގެ ގޮތުގައެވެ. ލީގުގެ ފަހު މެޗުގައި މިރޭ ލިވަޕޫލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މި ފޯރިގަދަ މެޗުގެ ގަޑިއެއްހާއިރު ކުރިން މި އިވެންޓުގެ ކުލަވަރުތައް ފެށިއެވެ. ސަޕޯޓަރުންގެ އެ ފޯރިޔާއެކު ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ފެނުނެވެ. އެންމެ ހާއްސަކަމެއްގެ ގޮތުގައި ފެނުނީ ލިވަޕޫލްގެ ސަޕޯޓަރުންގެ ގޮތުގައި ތިބި މީހުންނެވެ. އެގޮތުން މަތީފެންވަރުގެ ގިނަ ބޭފުޅުންތަކެއް ފާހަގަވިއިރު، އެންމެ ފާހަގަކޮށްލެވުނު އެއް ބޭފުޅަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް އެވެ. މި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ސަޕޯޓަރުންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތަކަށް ފަނޑުކަމެއް ނާދެއެވެ. އެއީ މި މެޗަށްފަހު ލީގުގެ އައްޑަނަ ޓީމަށް ހަވާލުކުރާނެތީ އެވެ. މި އައްޑަނަ އެ ޓީމާ ހަވާލުކުރި ވަގުތު އެސަރަހައްދުގައި ވަނީ ހަވާ އަރުވާފައެވެ. މިއީ ރާއްޖޭގެ ސަޕޯޓާސް ކުލަބެއްގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ ތަފާތު އެއް ހަރަކާތެވެ. ލިވަޕޫލް ސަޕޯޓަރުން ހުޅުމާލޭ ފޭސް ދޭއްގައި ކުރިޔަށްގެންދިޔަ ހަރަކާތުގެ ތެރެއިން -- ލިވަޕޫލުން މި އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20ވަނަ ފަހަރު ހޯދީ ލީގުގައި ނުކުޅެ ބާކީ ހަތަރު މެޗު އޮއްވައެވެ. މި ސީޒަނުގައި އެ ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ލިވަޕޫލާއެކު ރާއްޖެއިން ވެސް މިވަގުތު މާކެޓިން ކެމްޕޭނެއް ކުރިއަށްގެންދެއެވެ. ރާއްޖެއަކީ ލިވަޕޫލްގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ދަށުން ލިވަޕޫލާއި ރާއްޖެ ގުޅިގެން ގިނަ ކަންތައްތަކެއް ދަނީ ކުރިޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ