ލިވަޕޫލް ލީގު ތަށި އުފުލާލިއިރު، ޗެލްސީ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ލީގު ތަށި އުފުލާލިއިރު، ޗެލްސީ ޗެމްޕިއަންސް ލީގަށް

ލިވަޕޫލް (މެއި 25) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލުން ތަށި އުފުލާލިއިރު، ޗެލްސީން 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ އެވެ.
ހަތަރު މެޗު އޮއްވައި، ލީގު ޗެމްޕިއަންކަން ޔަގީންކުރި ލިވަޕޫލުން، ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނު ނަމަވެސް، އެފްއޭ ކަޕްގެ ޗެމްޕިއަން، ކްރިސްޓަލް ޕެލަސްއާ ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.
ލިވަޕޫލުން ސީޒަން ނިންމާލީ 84 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލުން ރެލިގޭޓްވެފައި އޮތް ސައުތެމްޓަން އަތުން 2-1 އިން މޮޅުވިއިރު، ލިބުނީ، 74 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ފަހު މެޗުގައި ފުލަމް ދަނޑުގައި 2-0 އިން މޮޅުވެ، 71 ޕޮއިންޓް ހޯދި އެވެ.
ހަތަރެއްގައި އޮތް ޗެލްސީ އަށް ލިބުނީ 69 ޕޮއިންޓެވެ. އަދި، އެވަޓަން އަތުން 1-0 އިން ބަލިވި ނަމަވެސް، ނިއުކާސަލް ޔުނައިޓެޑް ވަނީ ލަނޑުގެ ތަފާތުން އެސްޓަން ވިލާ އަށް ވުރެ ކުރި ހޯދައި، ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ. ވިލާ އާއި ނިއުކާސަލް އަށް ލިބުނީ 66 ޕޮއިންޓެވެ. ވިލާ ފަހު މެޗުގައި، މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަލިވީ 2-0 އިންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ނިއުކާސަލްގެ 21 ގޯލު އޮތްއިރު، ވިލާގެ އޮތީ ހަތް ގޯލެވެ.
ލިވަޕޫލްގެ ދަނޑުގައި ނުވަ ވަަނަ މިނިޓްގައި، އިސްމާއިލާ ސާ ވަނީ ޕެލަސް އަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް އެއްވަރުކޮށްދޭން ލުއިސް ޑިއާޒަށް ލިބުނު ދެ ފުރުސަތުން ވެސް ގޯލެއް ނުޖެހުނެވެ. ލިވަޕޫލްގެ މިޑްފީލްޑަރު، ރަޔާން ގްރަވެންބާކަށް 68 ވަަނަ މިނިޓްގައި ރަތް ކާޑެއް ދެއްކި ނަމަވެސް، ކުޅުންތެރިއަކު މަދުކޮށް ވެސް އެ ޓީމުން އެޓޭކް ކުރި އެވެ. އެ ގޮތުން، ޑިއޯގޯ ޖޮޓާ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ. މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޕްލޭމޭކަރުގެ މަގާމު ހޯދި ސަލާހު ވަނީ މި ލަނޑާ އެކު ރެކޯޑަކާ ހަމަކޮށްފަ އެވެ. އެ ގޮތުން، ސަލާހު ވަނީ ލީގުގައި މި ފަހަރު ގޯލާއި ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުސަތުތަކަށް ބަލާއިރު، 47 ހަމަކޮށްފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، ނުވަދިހައިގެ އަހަރުތަކުގައި އެކަން ހާސިލްކުރި، ނިއުކާސަލްގެ އެންޑީ ކޯލް އާއި ބްލެކްބާންގެ އެލަން ޝިއަރާ އެވެ. ކޯލް އާއި ޝިއަރާ އެކަން ހާސިލްކުރިއިރު، ލީގުގައި 44 މެޗު ކުޅެ އެވެ. ސަލާހު ވަނީ 38 މެޗުން އެކަން ހާސިލްކޮށްފަ އެވެ.
ވިހި ވަނަ ފަހަރަށް އިނގިރޭސި ޗެމްޕިއަންކަން ލިވަޕޫލުން ހޯދި މެޗު ބަލާލުމަށް، އެ ޓީމުގެ ކުރީގެ ދެ ކެޕްޓަން، ސްޓީވެން ޖެރާޑް އާއި ޖޯޑަން ހެންޑަސަންގެ އިތުރުން، 30 އަހަރަށް ފަހު ލިވަޕޫލަށް ލީގު ހޯދައިދިން ކުރީގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ ލިވަޕޫލްގެ ދަނޑު އެންފީލްޑަށް ގޮސްފަ އެވެ.
ޕްރިމިއާ ލީގުގެ ހަ ޓީމެއް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ. އެއީ، ލިވަޕޫލާއި ސިޓީ، އާސެނަލް، ނިއުކާސަލް، ޗެލްސީގެ އިތުރުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓޮޓެންހަމް ހޮޓްސްޕާސް އެެވެ. ޓޮޓެންހަމް، ޕްރިމިއާ ލީގުގެ 17 ވަނަ އަށް ދިޔައިރު، ލީގުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ވަނީ 4-1 އިން ބަލިވެފަ އެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަން، ޕެލަސް އާއި ވިލާ އިން ޔޫރޮޕާ ލީގުގައި ކުޅޭއިރު، ނޮޓިންހަމް ފޮރެސްޓް ކުޅޭނީ ކޮންފަރެންސް ލީގުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ