ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓު ބާރު ބޮޑު ވާނެތީ ސަމާލުވާން ފުލުހުންގެ އިލްތިމާސެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި އަންނަ ހޯމައިން ފެށިގެން ހުކުރުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކު ތޮއްޖެހުން ބޮޑުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ދިވެހި ހައްޖުވެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކު ތޮއްޖެހިދާނެތީ، އެ ސަރަހައްދުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، މި އަންނަ ހޯމައާއި ހުކުރާ ދޭތެރޭގައި، ޓްރެފިކު ތޮއްޖެހުމުގެ ސަބަބުން އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ގޮތުން އެ ދުވަސްތަކުގައި ފުރާ މީހުން ވެސް، ދުރާލައި އެއާޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި، އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެދިފައެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަ ވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހައްޖުވެރިންނަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސައިދީފައެވެ. https://sun.mv/206392 މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި، މި އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެއެވެ. މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި މިފަހަރު ސައުދީ އަރަބިއާގައި ވަނީ ކްލިނިކެއް ގާއިމުކޮށްފައެވެ. މިއީ ސައުދީގައި ދިވެހި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ހުޅުވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ