ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް ނާންގާ، އަންގައިފި ނަމަ ޖަވާބުދާރީވާނަން: އާއިލާ ޔުމްނުގެ ބަޔާން ނަގަން ފުލުހުން ރަސްމީކޮށް ނާންގާ، އަންގައިފި ނަމަ ޖަވާބުދާރީވާނަން: އާއިލާ

އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެ އައިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެ ހެދީ ދޮގެއް ކަމަށެވެ. އެ ސިޓީގައި ބުނީ އެ ހާދިސާގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެ އާއިލާއިން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށެވެ.
"ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީ ގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގައިފައެއް ނުވެ އެވެ، ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީ ވާނެ ކަމުގައި ދަންނަވަމެވެ،" ޔުމްނުގެ އާއިލާގެ ސިޓީގައި ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު އެންމެ ކުރީކޮޅު ފުލުހުން ގެންދިޔަ ގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ގެއްލިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ. ނަމަވެސް ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް އެ އައިލާއިން ބުންޏެވެ.
އެ ސިޓީގައި އިތުރަށް ބުނީ ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މެލޭޝިޔާއަށް ދިޔުމުން ވެސް އެ އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ޑރ. ހަސަން އުމެއިރުއާ އާއިލާއިން ދޮޅުގަޑިއިރުގެ ބައްދަލުވުމެއް ބޭއްވިފަހުން ކަމަށެވެ.
އޭގެއިތުރުން ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާއިން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ ހިދުމަތެއް ހޯދަން ވެސް ފުލުހުންގެ ފަރާތުން އެދިފައި ނުވާކަމަށް އެ ސިޓީގައި ބުންޏެވެ.
ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޔުމްނުގެ އާއިލާއިން ވަނީ ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ