ލަންޑަން (މެއި 24) - ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ފަހަތުން އަރައި، ފަހު ވަގުތު 2-1 އިން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެ، ސަންޑަލެންޑް އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ.
ސަންޑަލެންޑް، ޕްރިމިއާ ލީގުގައި ކުޅެނީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ލީޑްސް ޔުނައިޓެޑާއި ދެ ވަނަ އަށް ދިޔަ ބާންލީ، ދެ ޓީމުން ވެސް 100 ޕޮއިންޓް ހޯދައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ. ދެ ވަނަ ޑިވިޝަނުގެ، ދެ ވަނައިން ފެށިގެން ހަ ވަނަ އަށް ދާ ޓީމުގެ މެދުގައި ޕްލޭއޮފް ބުރެއް ކުޅޭއިރު، ސަންޑަލެންޑް ފައިނަލަށް ދިޔައީ، ފްރޭންކް ލަމްޕާޑްގެ ކަވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. އަދި، ޝެފީލްޑުން ޕްލޭއޮފް ފައިނަލަށް ދަތުރުކުރީ ބްރިސްޓަލް ސިޓީ ފަސޭހައިން ބަލިކޮށްފަ އެވެ.
ވެމްބްލީގައި މިރޭ ކުޅުނު ޕްލޭއޮފް ފައިނަލުގައި، ގިނަ ފުރުސަތުތަކެއް ހޯދައި، ލީޑުނެގީ ވެސް ޝެފީލްޑުންނެވެ. އެ ޓީމުގެ ލަނޑު ޖެހީ، 25 ވަނަ މިނިޓްގައި ޓައިރެސް ކޭމްބަލް އެވެ. ސަންޑަލެންޑުން އެއްވަރުކުރީ، 76 ވަނަ މިނިޓްގައި އެލްޔެޒާ މަޔޭޑާ ޖެހި ގޯލުންނެވެ. އަދި، އިތުރު ވަގުތުގެ ފަސް ވަނަ މިިނިޓްގައި، ސަންޑަލެންޑް ޕްރިމިއާ ލީގަށް ގެންގޮސްދީ، އެންމެ އަގުބޮޑު މެޗުން މޮޅުކޮށްދިން ގޯލު ޖެހީ، ބަދަލަކަށް ކުޅެން އެރި ޓޮމް ވަޓްސަން އެވެ.
އާންމު ގޮތެއްގައި ޕްލޭއޮފުން މޮޅުވާ ޓީމެއްގެ އާމްދަނީ އުޅެނީ 170 މިލިއަން ޑޮލަރާއި 220 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުން ދާދި ފަހުން، އަށް ބިލިއަން ޑޮލަރުގެ ޓީވީ ރައިޓްސް ޑީލެއް ނިންމުމާ ގުޅިގެން، ޕްލޭއޮފް މެޗުގެ ވެސް އަގު އުފުލުނީ އެވެ.
ފުޓްބޯޅަ އެހެން މެޗުތަކަށް ވުރެ މި މެޗުގެ އަގު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ލިބުނު ރެއާލް މެޑްރިޑަށް ލިބުނީ 154 މިލިއަން ޑޮލަަރެވެ. އަދި، ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި އާޖެންޓީނާ އަށް އިނާމް ފައިސާގެ ގޮތުގައި ލިބިފައިވަނީ, ފީފާ އިން ދިން 42 މިލިއަން ޑޮލަރުގެ އިތުރުން، ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލް އިން ދިން 10 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން، އަންނަ މަހު 32 ޓީމާ އެކު ކުޅޭ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ވެސް ލިބެނީ، 125 މިލިއަން ޑޮލަރެވެ.
240 މިލިއަން ޑޮލަރުގެ މެޗުން ފަހު ވަގުތު މޮޅުވެ ސަންޑަލެންޑް ޕްރިމިއާ ލީގަށް 240 މިލިއަން ޑޮލަރުގެ މެޗުން ފަހު ވަގުތު މޮޅުވެ ސަންޑަލެންޑް ޕްރިމިއާ ލީގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ