ހަތް ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އެއް ބަޔަކު ދޫކޮށްލާ، ބޯޓު ކެޕްޓަންގެ ބަންދު އިތުރުކޮށްފި
ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން "މުތާ ޑައިމަންޑް" ބޯޓުގެ ކެޕްޓަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ. ކަނޑު ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 21ވަނަ ދުވަހުގައެވެ. އެދުވަހު ފުލުހުން ހައްޔަރުކުރި 10 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހުގެ ބަންދު މުއްދަތެކެވެ. ބާކީ ފަސް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެންމެ ދުވަހަކަށެވެ. https://sun.mv/203989 މިއަދު ކްރިމިނަލް ކޯޓުން ވަނީ، އިންޑޮނޭޝިއާއަށް ނިސްބަތްވާ، މި ބޯޓުގެ ކެޕްޓަން ނަސްވަން އަދީލް (30)ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށެވެ. ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ މުތާ ޑައިމަންޑް ކިޔާ ބޯޓަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ކޯޓު އަމުރުގައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ހަތް ޝީޓް އެ ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު ކަމަށެވެ. އަދި އެތަކެތީގެ ތަހުލީލު ރިޕޯޓުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް އެ ތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކޯޓުއަމުރުގައި ވަނީ ބުނެފައެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 6.5 ކިލޯ ގްރާމް ހުރިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ކޯޓު އަމުރުގައި ވަނީ، ނަސްވަން އަދީލަކީ މި ބޯޓުގެ ކެޕްޓަން ކަމަށްވުމުން ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެންފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އޭނާ ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައި ވާކަމަށެވެ. ނަމަވެސް، އޭނާގެ ދިފާއީ ވަކީލު ވަނީ އެ ބޯޓުގެ ބައެއް ފަޅުވެރިން ދޫކޮށްލާފައި ވާކަން ފާހަގަކޮށްފައެވެ. އެ ބޯޓުން ފެނުނު މަސްތުވާތަކެތީ ޒިންމާ އެހެން ފަރާތަކުން ނަގާފައި ނުވާއިރު އެ ތަކެތި ބޯޓުގައި ތިބި އެހެން އެއްވެސް ފަރާތަކާ ގުޅުވައިދޭނެ ހެއްކެއް ނުވަތަ ޤަރީނާއެއް ވެސް ލިބިފައި ނުވާ ކަމަށާއި ފެނުނު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ އޭނާގެ ކެޕްޓަންކަމުގައި ރާއްޖެ އައި ބޯޓަކުންކަން އެނގޭކަމަށް ފުލުހުން ބުނެފައި ވެއެވެ. ކޯޓު އަމުރުގައި ވަނީ އޭނާގެ ކެޕްޓަންކަމުގައި ރާއްޖެ އައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ބުނި ނަމަވެސް، ކެޕްޓަންގެ ޒިންމާއިން ބަރީއަވެވިދާނެކަމަށް ނުދެކޭ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް މިހާރު ބަންދުން ދޫކޮށްފައިވީ ނަމަވެސް، އޭނާ އަކީ ބޯޓުގެ ކެޕްޓަން ކަމަށްވާތީ ޒިންމާގެ ގޮތުން ފަރަގުތަކެއް ހުންނާނެ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މިދިޔަ މަހު އެކަނި ވެސް މަސްތުވާތަކެތީގެ 179 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ