މަސައްކަތްތެރީންގެ އަޑު އެހުމުގައި ސަރުކާރު ދެމި އޮންނާނެ: ރައީސް

މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ ހިތާބުގަ އެވެ.
ރައީސްގެ ހިތާބު ފެއްޓެވީ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ހަގީގަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ހަލާލު ރިޒުގު ހޯދުމަކީ ސަވާބު ލިބެނިވި އަޅުކަމެއް އަދި ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނޭ ކަމަށް ދެއްވާފައިވާ އިރުޝާދު ހަނދާން ކޮށް ދެއްވަމުންނެވެ.
Advertisement
ދިވެހިރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ލިޔުއްވި ކޮންމެ މުއައްރިހަކުވެސް، ދިވެހީންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ވަނީ ތާރީފު ކުރައްވައިފައި ކަމަށާ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދުވެސް ދިވެހީންގެ ފަންނުވެރިކަމާއި ގައުމު ބިނާކުރާން ކުރި ބުރަ މަސައްކަތަށް ހެކިދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް، ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ދަނީ ދެމުން ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
“ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހްލާގއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭ،”
ރައީސް ވިދާޅުވީ މަސައްކަތްތެރީންގެ ބައިނަލްއަގްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އެމަނިކުފާނުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުން ކަމަށެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، އެމަނިކުފާނު ގަބޫލު ކުރާ ހަގީގަތަކީ، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމުގައި ވިދާޅުވެ ކޮންމެ ދުވަހަކުވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނެ ކަމުގައި ވިދާޅުވި އެވެ.
“ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން. އަދި، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީވެސް މަސައްކަތްތެރީން. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީން،” ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ