އެޕްތަކުގެ ފެންވަރު ބެލުމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޫގުލް ޕްލޭގެ ސްޓޯރުގެ އެޕްތަކުގެ އަދަދު 3.4 މިލިއަނުން 1.8 މިލިއަނަށް ދަށަށް ގޮސްފި

ވޭތުވެދިޔަ އަހަރު ތެރޭގައި ގޫގުލް ޕްލޭ ސްޓޯރަށް ވަނީ ބޮޑު ބަދަލަކަށް ގެނެސްފަ އެވެ. ޓެކް ނޫސްތަކުން ހާމަކުރާ އާ ތަފާސްހިސާބުތަކަށް ބަލާއިރު، ގޫގުލް ޕްލޭގައި ހުރި އެޕްތަކުގެ އަދަދު 2024 ފެށުނުއިރު ހުރި އަދު 3.4 މިލިއަނުން 1.8 މިލިއަނަށް ވަނީ ދަށަށް ގޮސްފަ އެވެ. މިއީ 47% ގެ ބޮޑު ދަށްވުމެކެވެ. މި ބަދަލަކީ މުޅި މޮބައިލް އެޕް މާކެޓްގައި ފެންނަ ކަމެއް ނޫނެވެ. އެޕަލްގެ އެޕް ސްޓޯރާ އަޅާބަލާއިރު، މި މުއްދަތުގައި ލިބެންހުރި އެޕްތަކުގެ އަދަދު 1.6 މިލިއަނުން 1.64 މިލިއަނަށް އިތުރުވެފައިވެ އެވެ.
ގޫގުލް ޕްލޭ ސްޓޯރަށް މި ދަށްވުން އައިސްފައިވަނީ ޖުލައި 2024 ގައި ގޫގުލްއިން ތައާރަފުކުރި އެޕްތަކުގެ ފެންވަރު އަދި ބޭނުންކުރާ މީހުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުގެ ބަދަލަކާ ގުޅިގެންނެވެ. މި ހަރުކަށި ގަވާއިދުތަކުގެ ދަށުން، ކުންފުނިން ފެށީ ހުއްޓުމަކަށް އަންނަ ނުވަތަ ލޯޑްނުވާ އެޕްތަކާއި، މަދުން ބޭނުންކުރާ އެޕްތައްވެސް ނަގާށެވެ. މީގެ ތެރޭގައި ޕީޑީއެފް، ވޯލްޕޭޕަރެއް، ނުވަތަ އިންޓަރެކްޓިވް ފީޗާތައް ނެތް އަސާސީ ސްޓެޓިކް ކޮންޓެންޓް ހިމެނޭ އެޕްތައްވެސް ހިމެނެ އެވެ.
މި ހަރަކާތަކީ އަހަރުތަކަކަށް ފަހު އައި ބަދަލެކެވެ. ގޫގުލް ޕްލޭ ސްޓޯރުގެ ރިވިއު ޕްރޮސެސް އަކީ ގިނަފަހަރަށް ސީދާ އެޕްތައް ބެލުމުގެ ބަދަލުގައި އޮޓޮމޭޓްކުރެވިފައިވާ ޗެކްތަކަކަށް ބަރޯސާވެފައިވާ ނިޒާމެކެވެ. ނަތީޖާއަކީ ދަށް ފެންވަރުގެ ނުވަތަ ގެއްލުންދެނިވި އެޕްތައް އިތުރުވުމެވެ. ދިގު މުއްދަތަކަށް ހަރުކަށި ވެޓިން ޕްރޮސެސްއެއް ގެންގުޅެފައިވާ އެޕަލްގެ އުސޫލުތަކަށް މިހާރު ގޫގުލްވެސް ވަނީ ބަލަންފަށައިފަ އެވެ.
 ގޫގުލްއިން ބުނާގޮތުގައި އެޕްގެ އަދަދު މިލިއަނުން ދަށަށްގޮސްފައި ވަނީ މިހާރު ހަރުދަނާ ކޮށްފައިވާ ސިޔާސަތުތައް، ފުޅާކުރެވިފައިވާ ރިވިއުތައް، އާ ޑިވެލޮޕާ އެކައުންޓްތަކަށް މަޖުބޫރު ޓެސްޓުކުރުން، އަދި ކުރިއަރާފައިވާ އައިޑެންޓިޓީ ވެރިފިކޭޝަންގެ ސަބަބުންނެވެ. ކުންފުނިން އިތުރަށް 2024 ގައި ތައާރަފުކުރި އިސްނެގުންތައް ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި އޭއައި-ޕަވާޑް ތްރެޓް ޑިޓެކްޝަން ޓޫލްތައް، ކުރިއަރާފައިވާ ޕްރައިވެސީ ފީޗާތައް، އަދި އަޕްގްރޭޑްކުރެވިފައިވާ ޑިވެލޮޕާ ޓޫލްތައް ހިމެނެ އެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ގޫގުލްއިން ބުނެފައިވަނީ ގަވާއިދާ ޚިލާފު 2.36 މިލިއަން  އެޕްތައް ޕްލޭ ސްޓޯރުގައި ލޯންޗްކުރުން ވަނީ ބްލޮކްކޮށްފައިކަމަށެވެ. އަދި ގެއްލުންދެނިވި އަމަލުތަކާ ގުޅިފައިވާ 158,000 އަށްވުރެ ގިނަ ޑިވެލޮޕާ އެކައުންޓްތައް ބަންދުކޮށްފައިވާ ކަމަށްވެސް ގޫގްލްއިން ބުނެ އެވެ.
ފެބްރުއަރީ މަހު ހިންގަން ފެށުނު ޔޫރަޕިއަން ޔޫނިއަންގެ އާ ގަވާއިދަކުން ޑިވެލޮޕަރުންނަށް އެމީހުންގެ ނަމާއި އެޑްރެސް އާންމުކޮށް ލިސްޓްކުރުމަށް ލާޒިމްކުރުން ހިމެނެ އެވެ. ބައެއް އެޕްތައް ނައްތާލުމަށް މަގުފަހިވެފައިވީނަމަވެސް، މިއީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަކަށް ނުފެނެ އެވެ.
 ޕްލޭ ސްޓޯރުގެ އެޕްތަކުގެ އަދަދު 2024 ގެ މެދުތެރޭގައި ރަސްމީ ސިޔާސަތަށް ބަދަލުތައް އައުމުގެ ކުރިންވެސް ދަށަށް ގޮސްފައިވެ އެވެ. ކުރީގެ ދަށްވުމުގެ ސަބަބުތައް އަދިވެސް ސާފެއްނޫނެވެ.
 މިއަހަރު މިހާތަނަށް 10,400 އަށް ވުރެ ގިނަ އާ އެޕްތައް ޕްލޭ ސްޓޯރުގައި ލޯންޗްކުރެވިފައިވެ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 7.1% ގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ