ވެމްކޯ ފައިނަލަށް، ޕޮލިސް އާއި ހުރާ ސެމީގައި ވާދަކުރަނީ ވެމްކޯ ފައިނަލަށް، ޕޮލިސް އާއި ހުރާ ސެމީގައި ވާދަކުރަނީ

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން ހޯދިއިރު، ސެމީ ފައިނަލުގައި ޕޮލިސް ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބް ބައްދަލުުކުރަން ޖެހިއްޖެ އެވެ.
ގައުމީ މުބާރާތުގެ ލީގު ބުރުގެ ކުޅުން ރޭ ނިމިގެން ދިޔައިރު، ވެމްކޯ އިން ކުޅުނު ފަހު މެޗުގައި ވަނީ 3-2 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު މެޗުގައި، ޕޮލިހުން މި މެޗުގެ ފުރަތަމަ ދެ ސެޓު، 25-20، 25-23 އިން ގެންދިޔައިރު، ވެމްކޯ މޮޅުވީ ދެން ކުޅުނު ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ، 15-25، 23-25 އަދި 10-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ ޕަޓިޔާ ޖުއަންޖަން އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ހުރާ އިން ވަނީ ފަސޭހަކަމާ އެކު، ސީދާ ތިން ސެޓުން، ފްލެކްސާ ސްޕޯޓސް ކްލަބް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ހުރާ އިން ގެންދިޔައީ، 25-19، 25-10 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ހުރާގެ ވެރޯނިކާ ޒުބަރޭވާ އެވެ.
ލީގު ބުުރުގެ ކުޅުން ނިމިގެންދިޔައިރު، ވެމްކޯ ވަނީ ތިން މެޗުން މޮޅުވެ، ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ހޯދި ޕޮލިހާއި ތިން ވަނަ ލިބުނު ހުރާ އަށް ހަތަރު ޕޮއިންޓް ލިބިފައިވެ އެެވެ. އަދި، ފުލަށް ދިޔަ ފްލެކްސާ އަށް ލިބުނީ ތިން ޕޮއިންޓެވެ.
ހުރާ އާއި ޕޮލިހުގެ ސެމީ ފައިނަލް މެޗު މާދަމާ ކުޅޭއިރު، އެ މެޗުން މޮޅުވާ ޓީމެއް އާދިއްތަ ދުވަހުގެރޭ ފައިނަލުގައި ވެމްކޯއާ ކުޅޭނެ އެވެ.
މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ވެމްކޯ އިން ވަނީ ތަށި މިލްކުކޮށްފަ އެވެ. މި ސީޒަނުގައި ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ނަމަވެސް، ލީގު ޗެމްޕިއަންކަން ހޯދީ ޕޮލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ