ޒުވާނުން ސިފައިންގެއަށް ވަށްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ކިޔަވައި ނިމޭތަނުން ޒުވާނުން ސިފައިންގެ ހިދުމަތަށް ވައްދަން ކުރިއަށް ގެންދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން މިރޭ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ސަލާމަތީ ބާރުތައް ކުރިއެރުވުމަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ ކޮންމެ އަހަރަކު ވެސް ސިފައިންގެ އަދި ފުލުހުންގެ ހިދުމަތަށް 250 އާއި 1،000 މީހުން ރެކްރޫޓު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެކަމަށްޓަކައި 'މޯލްޑިވްސް ނޭޝަނަލް ސާވިސް'ގެ ނަމުގައި ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފަ އެވެ.
ތަފްސީލް - ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހަޅާ ފޯމު، ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ރޭ ބުންޏެވެ. ފޯމު ހުށަހެޅޭނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ޒުވާނަކަށް، އެ ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.
މި ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ:
އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުން 
މީގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ވާނެ
އެނގުން މުހިންމު - ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޭރު ވިދާޅުވި ގޮތުން:
އެ ޕްރޮގްރާމުގައި ބައިވެރިވެގެން އަސްކަރީ ތަމްރީނު ހޯދަން ޖެހޭނެ
ތަމްރީން ހޯދައިގެން ޕްރޮގްރާމު ނިންމާ މީހުން ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ
މީގެ ނަތީޖާއަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ސަލާމަތީ ބާރުތަކަށް ގާތްގަނޑަކަށް 5000އެއްހާ އޮފިސަރުން އިތުރުވުން
މި ޕްރޮގްރާމު ހިންގުމަށް މި އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ހާއްސަ ކުރާނެ؛ އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ އަދަދުގެ ބަޖެޓެއް އެ ޕްރޮގްރާމަށް އިތުރު ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ