ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައިދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.
ބުނީ ކީކޭ؟ - ދިވެހިން އެދޭ ތަމައްދުން ހާސިލް ކުރެވޭނީ ކޮންމެ ދިވެއްސަކު ވެސް މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖްތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރިންގެ ސަބަބުން ކަމުގައި ފާހަގަކުރައްވައި މަސައްކަތްތެރިންގެ އަޑުއަހައި މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮންމެ ކުއްޖަކީ ވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވި އެވެ.
"މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، އަޅުގަނޑުމެން ގަބޫލު ކުރާ ހަގީގަތަކީ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރިންގެ ސަބަބުން ކަމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެ އެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެ އެވެ."
ރައީސް ވިދާޅުވީ ރާއްޖޭގައި މަސައްކަތްތައް އިތުރުކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމަށެވެ.
"ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރިންނެވެ. އަދި މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީ ވެސް މަސައްކަތްތެރިންނެވެ. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރިންނެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އުޖޫރަ އިތުރުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކާމިޔާބީ ހޯދާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ