ފިޓް ނޫންނަމަ ޑޭވިސް ކަޕްގައި ވާދަ ނުކުރާނަން: ނަޑާލް

ކުރިއަށް އޮތް ޑޭވިސް ކަޕްގައި ކުޅޭނީ އޭނާ އެ މުބާރާތުގައި ވާދަކުރެވޭ ވަރަށް ފިޓް ކަމުގައިވާނަމަ ކަމުގައި ސްޕެއިންގެ ރަފައެއް ނަޑާލް ބުނެފި އެވެ.
ޑޭވިސް ކަޕް ޓެނިސް މުބާރާތަށްފަހު ޓެނިސް ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފައިވާ ނަޑާލް ބުނެފައިވަނީ މި މުބާރާތުގެ ފައިނަލް ބުރުގެ މެޗުތައް ކުޅެން އަދި ދުވަސް އެބައޮތް ކަމަށާއި އޭނާ މި މުބާރާތުގެ ސިންގަލްސް މެޗުތަކުގައި ވާދަކުރާނީ އޭނާ އެކަމަށް ހުރިހާ ގޮތަކުންވެސް ފިޓު ކަމުގައިވާނަމަ އެވެ.
އަދި ޓެނިސް ކުޅުންން ހުއާޓާލަން ނިންމި ނިންމުމަކީ އޭނާއަށް މި ވަގުތު އެންމެ ރަގަޅު ނިންމުން ކަމަށާއި ނިމިގެންދިޔަ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށްފަހު އެކަމާއިމެދު ފުންކޮށް ވިސްނާފައިވާ ކަމަށްވެސް ނަޑާލް ވަނީ ބުނެފަ އެވެ.
ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ފާހަގަ ކުރެވުނު 38 އަހަރުގެ ނަޑާލް ކުޅުން ހުއްޓާލާނެކަން އިއްޔެ އިއުލާންކޮށްފައިވާއިރު, އޭނާ ބުނެފައިވަނީ ފާއިތުވެދިޔަ ދެ އަހަރު ދުވަހަކީ އޭނާއަށް އުނދަގޫ ދެ އަހަރު ކަމަށެވެ. އަނިޔާގެ ސަބަބުން އޭނާއަށް އަސްލު ކުޅުން ދެއްކިފައެއް ނުވެއެވެ.
ނަޑާލް ޖުމްލަ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ރެކޯޑް އަދަދެއް ކަމުގައިވާ 15 ފަހަރު ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އަނިޔާގެ ސަބަބުން 2023 ވަނަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓާފައިވާ ނަޑާލް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ރޮލެންޑް ގެރޮސް މުބާރާތެވެ. މިދިޔަ ދެ ސީޒަނުގައި އަނިޔާގެ ސަބަބުން ނަޑާލް އަށް ކުޅެވިފައިވަނީ އެންމެ 23 މެޗެވެ.
ކްލޭ ކޯޓުގައި ނަޑާލް ކުޅެފައިވާ 116 މެޗުގެ ތެރެއިން އޭނާ ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ