ޓޫރިޒަމް އިސްތިހާރުކުރަން ފެއާތަކުގައި ބައިވެރިވުމަށް 78.6 މިލިއަން ހޭދަކޮށްފި

ފާއިތުވި އަހަރުގެ ނޮވެންބަރުން މި އަހަރުގެ މޭ މަހުގެ ނިޔަލށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ބައިވެރިވި 15 ފެއާއަކަށް ޖުމްލަ 78.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެމްއެމްޕީއާރުސީން ހާމަކޮށްފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެކި ސޯސް-މާކެޓުތަކުގައި ޕްރޮމޯޓުކުރުމަށް ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް 78.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނިން ބުނެފި އެވެ. 
"މިރާ"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިގެން އެމްއެމްޕީއާރުސީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނޮވެންބަރުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީންވަނީ 15 ފެއާއެއްގައި ބައިވެރިވެފަ އެވެ. 
އެ ފެއާތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް އެ ކުންފުނިން ކޮށްފައިވަނީ އަރަބިއަން ޓްރެވެލް މާކެޓު 2024 ގަ އެވެ. ދުބާއީގައި މޭ މަހުގެ ހަވަނަ ދުވަހުން ނުވައަކަށް ބޭއްވި ފެއާގައި ބައިވެރިވުމަށް ޖުމްލަ 17.3 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރިކަމަށް ހިސާބުތަކުން ދައްކަ އެވެ. 
މި ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބައިވެރިވި ފެއާތަކުގެ ތެރެއިން އެންމެ ކުޑަ ހަރަދެއް ހިނގާފައިވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވާ ރަޝިޔާގައި އޮތް މޮސްކޯ ޑައިވް ޝޯގައި ބައިވެރިވުމަށެވެ. އެ ފެއާއަށް ހަރަދުކޮށްފައިވަނީ 731،431 ރުފިޔާ އެވެ. 
ޖުމްލަ 15 ފެއާއެއްގައި ބައިވެރިވުމަށް 78.6 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީން އެ މުއްދަތުގައި ހަރަދުކޮށްފައިވެ އެވެ. 
އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް ފެއާތަކުގައި ބައިވެރިވުމުގެ އިތުރަށް އެކި ގައުމުތަކުގެ ޓްރެވަލް ޖާނަލިސްޓުންނާއި، އެ ގައުމުގެ ސޯޝަލް މީޑިޔާ ހަރަކާތްތެރިން ރާއްޖެ ގެނެސް އެމީހުން މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރެ އެވެ. އަދި އެ ގައުމުތަކުގައި މީޑިޔާއާއި އިސްތިހާރުކުރުމުގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ