އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތިކަމުގައި ހެދުމަށް ޚުޠުބާގައި ގޮވާލައިފި

އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތިކަމުގައި ހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ
" ޖުވާކުޅުމަކީ ޙަރާމް ކަމެއް" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ﷲ އެކަލާނގެ މާތް ފޮތުގައި ޖުވާގެ ހުރިހާ ބާވަތްތަކެއް ޙަރާމްކުރައްވައިފައިވާކަމަށެވެ. އެގޮތުން އެކަލާނގެ ބަޔާންކުރައްވާފައިވާ ގޮތުގައި އެއީ ޝައިޠާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖުވާއަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރެއެވެ. އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުމެވެ. މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރައްވައިފައިވާ ކަމެކެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ތަފާތު ވައްތަރުތަކާއި އައު ގޮތްތައް ހޯދާފައިވާކަމަށެވެ. ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށްޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރަން ފަށާފައިކަމަށާއި ﷲ ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ވަނީ ޚުޠުބާގައި ފާހަގަކުރައްވާފައެވެ.
ޚުޠުބާގައި ވިދާޅުވީ ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލާކަމަށެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާކަމަށާއި މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައިކަމަށާއި ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމަކަށްވާއިރު އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނެއެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވެ ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވަާލަމުން ދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާވެގެން ވަނީ ނަރަކައެވެ.. މާތް ﷲ އެންގެވި ގޮތަށް މުދަލާއި ތަނަވަސްކަން ބޭނުންކުރުމުގައި ﷲއަށް ތަޤްވާވެރިވާށެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖުވާ ކުޅުމާއި ބާޠިލުގޮތުގައި މުދާ ހޯދައި އެ މުދާ ބޭނުންކުރުމުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! ޙަލާލުގޮތުގައި ރިޒުޤު ހޯދަން މަސައްކަތްކުރުމުގެ ތައުފީޤު އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ" ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިކަމަށެވެ. އެއީ ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތަކެވެ. މިކަމަށްޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފައިކަމަށާއި މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވަމުންދާކަމަށެވެ. އަދި މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ދާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ ޢާންމުވަމުންކަމަށާއި އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭއިރު މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެއްކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ