ދެ ހިތް ވަކިވެވި ނުދާ – އެޕިސޯޑް 18

އެނދުގައި އޮށޯވެގެން އޮތް މީކާލް އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކާލަމުން ކޮޅަށް ތެދުވިއެވެ. އާ އަޒުމަކާ، ހިތްވަރަކާ އެކުގައެވެ. ލައިލާ އެނބުރި އަންނާނޭ ބުނާ ފަދަ ބީދައަކުންނެވެ.
- އެޕިސޯޑް 18 –މީކާލް ގޮސް ހުއްޓުނީ ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލްގެ ކުރިމަތީގައެވެ. އަދި އޭނާގެ އަމިއްލަ މޫނަށް އޭނާ ލޯގަނޑުން ބަލައިލިއެވެ. އެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނެތެވެ. މުޅި މޫނުމަތި ވަނީ މިލައި މޯޅި ވެފައެވެ. އެއްވެސް ހިތްހަމަ ޖެހުމެއް، އުފަލެއް މިއިން ދުވަހެއްގައި ވެސް ލިބިފައިވާ މީހެއް ފާޑު ނުޖަހައެވެ. މިއިން ދުވަހެއްގެ ކޮޅުން ވެސް މީކާލް ދަށަށް ނުދާ ވަރަށް އޭނާ މެންޓަލީ ޑައުން ވެއްޖެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ގުޅިފައި ވަނީ ލައިލާ އަށެވެ. ވީނުވީއެއް ނޭނގި ލައިލާ ގެއްލުމުން އެކަން ޤަބޫލު ކުރާކަށް އެއްވެސް ޙާލެއްގައި މީކާލް އަކަށް ފަސޭހައެއް ނުވިއެވެ. މީކާލްއަށް އިޙްސާސް ވަނީ އޭނާގެ ހުރިހާ އުފާ ތަކެއް އެކީ އެކައްޗަކަށް ފޭރިގަންފައިވާ ހެންނެވެ. އޭނާއަށް އެންމެ އުނދަގޫވާ ކަމަކީ މިހުރިހާ ކަމެއް އޭނާގެ ބޮލަށް ޖަހާތީއެވެ. ***ރޭގަނޑުގެ ހިމޭން ވަގުތެވެ. މުނީރާ ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ލައިލާ އޮންނަ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާ އެކު މުނީރާ ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަަތް ޖައްސާލިހެން ހީވެގެންނެވެ. ފަހަތުގައި ހުރީ ކާސިމް އެވެ. "ކޮން ކަމެއް؟" ކާސިމް ހައިރާންވެ ހުރެ އަހައިލިިއެވެ. "އަހަރެން ބޭނުން ލައިލާ.. ލައިލާ ފެނޭތޯ މިއުޅެނީ.." މުނީރާ އެހެން ބުނެ ކޮޓަރި ތެރެއަށް ވަނެވެ. މުނީރާގެ ފަހަތުން ކާސިމް ވެސް ވަނެވެ. "މުނީރާ.. ލައިލާއެއް ނެތޭ ކޮޓަރީގަ." ކާސިމް ހިނގަމުން ދިޔައީ މުނީރާގެ ފަހަތުންނެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި މުނީރާ ހުއްޓި ލައިލާއަށް ގޮވާލިއެވެ. "ލައިލާ... ދަރިފުޅާ ލައިލާ.. މަންމަ ދޫކޮށްފަ ނުދޭ! މަންމަ ބޭނުން ދަރިފުޅު ފެންނަ ހިސާބެއްގަ ހުންނަން.. ކުރިމަތިލާން ޖެހުން ކޮންމެ ކަމަކާ ކުރިމަތިލާން މަންމަ ރެޑީ.." މުނީރާ ވާހަކަދައްކަމުން ދިޔައީ ރޮމުންނެވެ. މުނީރާ ހިތުގައި ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. މުނީރާގެ ރޮމުން ވާހަކަދައްކަމުން ދިޔަ އިރު، ކާސިމް ދިޔައީ މުޅި ކޮޓަރި ތެރެއަށް ކަޅި ހިންގަމުންނެވެ. ބިރުން ހުރެއެވެ. ކޮންމެ ވެސް ކަމެއް ވާން އުޅޭ ކަމުގެ އިޙްސާސް ކާސިމްއަށް ވަމުން ދިޔައެވެ. ލައިލާ ނުވަތަ ބަތާން ވަރަށް ކައިރީގައި ހުރި ކަމުގެ އިޙްސާސް ކާސިމަށް ކުރުވަމުން ދިޔައެވެ. ކުއްލިއަކަށް މުނީރާ އާއި ކާސިމްއަށް ސިހިފައި ބަލައިލެވުނީ ކޮޓަރީގައި ހުރި ފާޚާނާއާ ދިމާލަށެވެ. ފާޚާނާ ތެރެއިން ފެން ފާޑެއްގެ ދިޔާ އެއްޗެއް ހޯސް ލާފައި ފައިބާ އަޑު އިވެން ފެށިއެވެ. "އެއީ ކޮން އަޑެއް؟" މުނީރާ ބަލައިލީ އޭނާގެ ފަހަތުގައި ހުރި ކާސިމްގެ މޫނަށެވެ. ކާސިމް ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. މަޑު ހިނގުމެއްގައި ކާސިމް އާއި މުނީރާ ހިނގައިގަތީ ފާޚާނާއާ ދިމާލަށެވެ. މުނީރާ ގާތުގައި ކާސިމް މަޑުކޮށްލަން ބުނުމުން ވެސް މުނީރާ ބޭނުންވީ ފާޚާނާއާ ދިމާލަށް ދާށެވެ. މުނީރާ އާއި ކާސިމް ގޮސް ހުއްޓުނީ ފާޚާނާގެ ކުރިމަތީގައެވެ. ކާސިމް ވަރަށް މަޑުމަޑުން ފާޚާނާގެ ލެއްޕިފައިވާ ދޮރުގައި އޭނާގެ ކަނާ އަތުން އަތް ޖައްސާލި އިރަށް ދޮރު ހުޅުވެއްޖެއެވެ. މުނީރާ އަށް ބިރުން ފަހަތަށް ޖެހެވުނެވެ. ކާސިމްއަށް ހުރި ފިޔަވަޅު މަތީގައި ހުއްޓުން އެރުނެވެ. ދެލޯ ބޮޑު ވެގެން ދިޔައެވެ. ފާޚާނާގެ ތަށިމުށިގަނޑު މަތީގައި އިށީންދެގެން ލައިލާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ލައިލާ ލައިގެން ހުރީ ކާސިމް އަތިރިމައްޗަށް އެއްލާލި ލައިލާގެ ހެދުމެވެ. އެ ހެދުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ކުއްލިއަކަށް ކާސިމްގެ ކަޅި އަޅިގަތީ ލައިލާގެ އަތުގައި އޮތް ޕެޑަށެވެ. މުނީރާއަށް ވެސް އެ ތަން ފެނުނެވެ. "އެއީ ކޯއްޗެއް؟" މުނީރާ ހައިރާންކަމާ އެކުގައި އަހާލިއެވެ. "މީ ޕެޑެއް.." މުނީރާގެ ސުވާލަށް ޖަވާބު ދިނީ ލައިލާ އެވެ. ބިރުވެރި ބަރު އަޑަކުންނެވެ. "އެއީ ކީއްކުރަން ދަރިފުޅާ؟" މުނީރާ ބިރުން ހުރެ ވެސް އަހައިލިއެވެ. "މުނީރާ މޮޔަވީތަ؟ އެއީ އަހަރެމެންގެ ދަރިފުޅު ލައިލާއެއް ނޫނޭ.. ކޮންހާ ސުވާލެއް ތިކުރަނީ؟" ކާސިމް ވަރަށް އަވަސްކޮށް ބުނެލިއެވެ. ހީވީ ކަމެއް އެނގިދާނެތީ އެކަމެއް ފޮރުވަން ކާސިމް މަސައްކަތް ކުރާ ހެންނެވެ. "ކިހިނެއްވީ؟ އަހަރެން ބަލާނީ އެއީ އަހަރެންގެ ދަރިފުޅު ކަމަށް.. އެއީ އަހަރެންގެ ދަރިފުޅުގެ ތެރެއަށް ވަދެ އޮތް ރޫޙާނީ ބާރަކަސް، އެއީ ހަމަ އަހަރެންގެ ދަރިފުޅުގެ ހަށިގަނޑު.." މުނީރާގެ ޖަވާބުން ކާސިމް ޖެހުލުން ވެއްޖެއެވެ. މުނީރާއަށް ލައިލާގެ ހަށިގަނޑުގެ ތެރެއަށް ވަދެގެން އުޅޭ ބަތާންގެ ފަރާތުން ކަންތައްތަކެއް އެނގިދާނެތީއެވެ. "މިއީ އަހަރެންނަށް އެންމެ މީރު ކާނާ.. އެންމެ މީރު ބުއިން މަންމާ.. ހައްހައްހާ.."ލައިލާ އަޑުގެ ނެތްކޮޅަށް ހޭން ފަށަމުން، އޭނާގެ އަތުގައި އޮތް ޕެޑް އޭނާގެ އަނގަޔާ ދިމާކޮށްލިއެވެ."ނޫން ނޫން ދަރިފުޅާ! ތީ ކާއެއްޗެއް ނޫން.. ތި ނުކައި.." މުނީރާ ކުރިއަށް އެޅި ފިޔަވަޅާ އެކުގައި މުނީރާ ހުރިތަނަށް ވެއްޓިއްޖެއެވެ. "ހަނދާން ކުރާތި އަހަރެން ކުރާ ކަންކަމަށް ހުރަސް އަޅަން ނޫޅޭތި! ދުވަސް ދުއްވާލާނަން.." ލައިލާގެ އަޑު އެއްކޮށް ބަދަލުވެ، ރުޅިވެރިކަމާ ހަރުކަށިކަން ފާޅުވެގެން ދިޔައެވެ. ވެއްޓިފައި އޮތް މުނީރާއަށް ބަލައިލެވުނީ ލައިލާގެ މޫނަށެވެ. މިހާރު ފެންނަން ހުރީ ލައިލާގެ ސޫރައެއް ނޫނެވެ. އެއީ ބިރުވެރި ސޫރައެއްގައި ހުރި ސިފަ ހުތުރު ޖިންނި އެކެވެ. (ނުނިމޭ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ