ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

އުޒްބެކިސްތާނުގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ ކިރްގިސްތާން އަތުން ބަލިވެއްޖެއެވެ.
ކާވާ ވޮލީބޯލް ޗެލެންޖް ކަޕް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ތަޖިކިސްތާނާއި، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-15، 25-13 އަދި 25-16 އިންނެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ