ބްރިޖުގައި އޮތް ފެން ހޮޅި އަހަރު ނިމުމުގެ ކުރިން ބޭނުންކުރެވޭނެ: ސަރުކާރު

ސިނަމާލެ ބްރިޖުގައި އަޅާފައި އޮތް ފެން ހޮޅި މިއަހަރު ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ކެޕޭސިޓީއާއި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ބްރިޖުގަ ބޮޑު ފެން ހޮޅިއެއް އޮންނާނެ ކަމަށާއި އެހެންނަމަވެސް އެ ފެންހޮޅި އެއީ މިދިޔަ ސަރުކާރުން އަޅާލިގޮތަށް ފަސް އަހަރު އެއްވެސް ބޭނުމެއް ނުކޮށް އޮތް ފެން ހޮޅިއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވުމަށްފަހު ފެށި އެއް މަސައްކަތަކީ މި ފެންހޮޅި ޕަމްޕް ސްޓޭޝަންއަށް ލުމަށްފަހު ހުޅުމާލޭގަ ހުންނަ ސްޓޯރޭޖް ޓޭންކާ މާލޭގަ ހުންނަ ފެސިލިޓީއާ ގުޅުވާލުމުގެ މަސައްކަތް ކަމަށެވެ.
މި މަސަައްކަތް ނިމުމުން މާލޭގެ ވޯޓާ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެން ދާނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މާލެއަށް އިތުރަށް ފެން ބޭނުންވާނަމަ ހުޅުމާލެއިން ފެން ޕަމްފު ކުރެވޭނެ ކަމަށެވެ. އަދި ހަމަ އެގޮތަށް މާލެއިން ހުޅުމާލެއަށް ފެން ޕަމްޕު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ ގެ "ވޯޓަރ ސެކިއުރިޓި ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށުމަށްފަހު އެކިސަބަބުތަކާހުރެ މިހާތަނަށް މަޑުޖެހިފައިއޮތް މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގަނެ މާލޭގެ ޕަމްޕްސްޓޭޝަންގެ މަސައްކަތް ނިމުމާއިއެކު ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅިމެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލެވޭނެއެވެ.
މި ކަމުގެ ސަބަބުން މާލޭ ސަރަޙައްދުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ސާފު ބޯފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.
މާލޭގައި ޤާއިމްކުރެވޭ މި ޕަމްޕް ސްޓޭޝަންގެ އިތުރުން މި މަޝްރޫޢުގައި ހިމެނޭ އެހެން ބައިތަކަކީ ސިނަމާލެ ބްރިޖް މަތީގައި އަޅާފައިވާ .225 ކިލޯ މީޓަރުދިގު ހޮޅިލައިންއާއި، ހުޅުމާލޭގައި ޤާއިމް ކުރެވޭ ޓްރާނސްފަރ ޕަމްޕް ސްޓޭޝަންއެވެ. މީގެތެރެއިން، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމާއި، ޕްރެޝަރ ޓެސްޓްކުރުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައްވެސް ވަނީ ފެށިފައެވެ.
ހުޅުމާލެ އާއި މާލޭގެ ފެނުގެވިޔުގަ ގުޅާލުމުގެ މަޝްރޫޢު މުޅިންނިމި ޚިދުމަތަށް ގެނައުމަށް އަމާޒު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލްކަން އެމްޑަބްލިޔުއެސްސީ އަށް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ