ފެއިލްވެފައިވާ ތައުލީމީ ނިޒާމަކުން މުޅި ޖީލެއް ހަލާކުގެ ތެރެއަށް!

ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އިންސާނީ ވަސީލަތް ބިނާކުރަން ދަތިވާ ކަމަށް ވޯލްޑް ބޭންކުން ފެބްރުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. މިއީ އެކަމުން އެކަނިވެސް ރާއްޖޭގެ ތައުލީ ނިޒާމު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ. ނިސްބަތުން ބަލާއިރު ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާކަމަށް ބުނި ނަމަވެސް، މަތީ ތައުލީމާ ހަމައަށް ކުއްޖާ ދާއިރު، އެ ކުއްޖާގެ ތައުލީމީ ފެންވަރު ވަޒަންކޮށްލުން މުހިންމެވެ.
ތައުލީމީ ނިޒާމުގެ ވާހަކަ ފަށާނީ އޮޓޯ ޕްރޮމޯޝަންގެ ވާހަކައިންނެވެ. ހަނދާނަށް އަންނަނީ ކުޑައިރު، ބޭބެއާއި ދައްތަމެން ކިޔަވަން އުޅުނު އިރު "ރިޕިޓް" ވެދާނެތީ އެކަމާ ބިރުން ކުރި ހިތްވަރާއި މަސައްކަތެވެ. އަޅުގަނޑުވެސް ތައުލީމީ ހަޔާތުގެ ވަކި ހިސާބަކުން އެކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ކިޔަވުމަށް ރަނގަޅު ދަރިވަރަކަށް ވާން ބާރު އަަޅައި ދިން ހިތްވަރެވެ. އެކަމަކު އެއް ގްރޭޑުން އަނެއް ގްރޭޑަށް އަޅުގަނޑު "ޕްރޮމޯޓް" ވީ ކުރި ހިތްވަރަކުންނޭ ބުނާނެ ނަސީބު އަޅުގަނޑު ގައިގަ ނުހިފީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު އޮޓޯ ޕްރޮމޯޝަން ފެށުމުންނެވެ.
މީގެކުރިން ތައުލީމީ ނިޒާމު އޮންނަ ގޮތުން ކޮންމެ ދަރިވަރެއްގެ ވެސް ވަކި ވަކިން ފެންވަރު ވަޒަންކޮށް، އެ މަންހަޖަކަށް އެ ކުއްޖާ ނުފެތޭ ނަމަ، އަލުން އެ ގްރޭޑެއްގައި ކިޔަވަން ޖެހެއެވެ. އާންމުކޮށް މި ކިޔާ ގޮތަށް ނަމަ ރިޕީޓް ވެއެވެ. އެކަމަކު ފެހުން ގެނައި ބަދަލާއި އެކު ހުސް "ޔޫ ބަރިއެއް" ލިބޭ ކުއްޖާ ވެސް ހަމަޖެހިގެން އަންނަ އަހަރު ތަފާތު ގްރޭޑެއްގައި ކިޔަވަން ޖެހެއެވެ.
ކުޑަކޮށް ތިލަކޮށް މިވާހަކަ ދޭހަވާނެ ގޮތަކަށް ކިޔާލަދޭނަމެވެ. ނާސަރީގައި ކިޔަވާ ކުއްޖަކަށް "އޭބީސީޑީ" ނުވަތަ "ހށ" ދަނުވެ ހުއްޓާ ޔޫކޭޖީއަށް ގޮސް އެ ކުއްޖާ ޖުމްލަ ހަދަން ދަސްކުރަން ޖެހުނީމަ ދެން އެ ކުއްޖާއަށް ވާނީ ކިހިނެތްތޯއެވެ. އެ ދިޔައީ ކުއްޖާ އަތުން ދޫވެގެން ނޫންތޯއެވެ؟ ޖެހިގެން އަންނަ ގްރޭޑުގައި ހުރިހާ ކުދިން ޖުމްލަ ހަދާ އިރު އެއްކަލަ ކުއްޖާއަށް އިންނަން ޖެހޭނީ އަދިވެސް ހށ ނޭނގިގެން އެ ތަކުލީފުގައި ނޫންތޯ އެވެ؟ ޅަ ސިކުނޑި އަށް އެއްފަހަރާ އެ ހުރިހާ ކަމެއް ނަގައިގަނެވޭނީ ކިހިނެތްތޯ ވިސްނާލުން ރަނގަޅު ނޫންތޯ އެވެ؟
ގްރޭޑް މަތިވަމުން ގޮސް ސާނަވީ އިމްތިހާނާ ހަމައަށް ހިނގާށެވެ. ގްރޭޑް 8 ގައި ހިސާބު ގަޑީގައި ކިޔަވައިދޭ ލެސަންތަކުގެ ބައިތައް ގްރޭޑް 9 ގެ ލެސަންތަކުގައި އެބަ ހިމެނެ އެވެ. ގްރޭޑް 9 ގެ ބަޔޮލޮޖީ ކްލާހުގައި ކިޔަވައިދޭ ގުނަވަންތަކުގެ ފުރިހަމަ ފަންކްޝަނަކީ ކޮބައިކަން މި އެނގެނީ ގްރޭޑް 10 ގެ ލެސަނުންނެވެ. މިގޮތަށް ރޭވިފައިވާ މަންހަޖެއްގައި އެންމެ އަހަރެއްގައި ވެސް ދަރިވަރުގެ ނަތީޖާ ގޯސްވެ ފާސްނުވާ ނަމަ އެ ކުއްޖަކަށް ޖެހިގެން އަންނަ އަހަރު ކުރަން ޖެހޭނެ މަސައްކަތާއި އެކަން ކުރެވޭނެތޯ ވިސްނާލާށެވެ.
މިފަދަ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ފެށި އޮޓޯ ޕްރޮމޯޝަނެއްގައި މިއަދު ގައުމު އޮތީ ގްރޭޑް 10 ނިމޭ އިރު އަދި ރަނގަޅަށް ޖުމްލަ ހަދަން ނޭނގޭ ހިސާބުގައެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ވެސް ކުއްޖަކު މަދަރުސީ ތައުލީމުގެ 12.4 އަހަރު ފުރިހަމަ ކުރާއިރު، އުނގެނުމަށް ހޭދަކުރަނީ އެންމެ 8.17 އަހަރެވެ. އޭގެ ސަބަބުން ކުދިންގެ ކިޔެވުމުން 4.32 އަހަރު ގެއްލޭކަން އެ ބޭންކުން ފާހަގަކުރިއެވެ.
ދެން އޮތީ ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ފެންވަރުގެ ވާހަކައެވެ. ޒަމާން ބަދަލުވަމުން އައިސް އިއްޔެގެ ސުރުހީގައި އޮތީ އޭއައި ބޭނުންކުރަން ގާނޫނީ ފްރޭމްވޯކެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިސްނެންގެވި ވާހަކައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތައް ޑިޖިޓަލައިޒްވެ ތައުލީމީ ނިޒާމު ވެސް ހަމަ އިނގިލިކޮޅަށް އައިސްފައި އޮތް އިރު ރާއްޖޭގައި ދަރިވަރުން އަދިވެސް ތިބީ ޗޯކު ބޯޑާއި، ލަކުޑި ގޮނޑީގައި މަދިރި މަރަ މަރައެވެ. އެގްޒާމް ހޯލަށް ވަންނަ ކުއްޖާގެ ސުވާލު ކަރުދާހުގައި އޮންނަ އެއްޗަކަށް ވުރެ އެ ދަރިވަރުގެ ފޯކަސް ދަމައިގަންނަނީ ހިއްލާ ދަލާއި ވަށައިގެން އެނބުރޭ މެހި މަދިރީގެ އުނދަގުލެވެ. ޕްރެޒެންޓޭޝަނެއް ނުވަތަ ފޮޓޯ ވީޑިއޯއެއް ދައްކައިގެން ލެސަން ނަގަން ބޭނުންވިޔަސް ޓީޗަރުން އަދިވެސް ޖެހެނީ ދުރާލާ ބުކްކޮށްގެން މަލްޓި ޕަރޕަސް އޭވީ ރޫމަކަށް ކުދިން ގޮވައިގެން ދާށެވެ. އެކުދިން ސަފު ހަދައިގެން އެހިސާބަށް ގެންދެވޭ އިރު އޮންނަނީ ކޮންމެ ސެޝަނަކަށް ލިބޭ ކުޑަ ވަގުތުކޮޅުން ވެސް 15 މިނެޓު ގެއްލިފައެވެ.
ރާއްޖެއާ އެންމެ ގާތުން އުޅޭ އެކުވެރި އެއް ގައުމުގެ ސްކޫލްތަކަށް ބަލާލަމާ ހިނގާށެވެ. ޗައިނާގައި ކިޔަވައިގެން ނިކުންނަ ކުދިންނަކީ ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް އެކުދިންނަށް ދަސްވެފައި ތިބޭ ކުދިންނެވެ. ސްކޫލުގެ އެންމެ ބޭސިކް އެއް ކަމަކަށް ދަސްކޮށްދެނީ ސާފުކުރުމާއި، އިސްތިރިކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކެވެ. އެކަމަކު ރާއްޖޭގެ ތައުލީމީ ނިޒާމު އަދިވެސް ބަރޯސާ ވަނީ ކޮންމެވެސް ބޭރު ގައުމަކުން ތައްޔާރުކޮށްގެން ގެންނަ ޓެކްސްޓު ފޮތެއްގައި ލިޔެފައި އޮންނަ ލިޔުމަކަށް އެކަންޏެވެ. ޔަގީނުން ވެސް އެ ފޮތުގައި މީހުންގެ ތެރޭގައި އުޅޭނެ ގޮތާއި، ވާހަކަ ދައްކާނެ ގޮތާއި، އެންމެ އާދައިގެ ކޮމިއުނިކޭޝަން ސްކިލްސް ހިމަނާފައެއް ނެތެވެ. ކުދިންގެ ޅަފަތުގައި އުނގެނެން ޖެހޭ މި މުހިންމު ސިފަތަކާ ހާސް ގުނަ ދުރުން ޕްރިމަރީ ނިންމާލުމަށް ފަހު ދެން ފަށަނީ ސެކަންޑަރީއެވެ.
ސެކަންޑަރީ ފެށޭ ހިސާބުން ދެން ދުވަންވީ ބުކްޝޮޕްތަކުން "ޕާސްޓް ޕޭޕަރ" ގަންނާށެވެ. ކޮންމެ އަހަރަކު ބެލެނެވެރިން އަތުން އެތައްހާސް ރުފިޔާއެއް ހަރަދު ވަނީ ހަމަ އެކަނި އެ ފޮތްތަކަށެވެ. އެހިސާބުން ދަރިވަރުން ތައްޔާރުކުރަނީ ހަމަ އެކަނި އޯލެވެލް އިމްތިހާނަށެވެ. އެ ޕޭޕަރުގައި އޮންނަ ހައެއްކަ ސުވާލަށެވެ. ފޮތުގައި އޮތް އެއްޗެއް ކުއްޖާ އަށް އެނގި ދަސްވެ، އޭގެ އެޕްލިކޭޝަން ސްކިލްސްގެ ވާހަކަ ދެއްކުމެއް ނެތެވެ. ކްލާހުގައި ކިޔަވައިދޭން އަންނަ ޓީޗަރުން ކައިރިއަށް ސެޝަން ގަޑި ނިމުމުން ޓިއުޝަނަށް ދަނީ ބޮޑު އަގު ދައްކައިގެންނެވެ. ގްރޫޕް ސެޝަނެއް ނަމަ އެވަރެޖްކޮށް ކޮންމެ 5 ކުއްޖަކަށް 500ރ އެވެ. އެ ކުއްޖާ އެކަނި ނަމަ 2،500ރ އެވެ. ހިތުގައި އުފެދޭ ސުވާލަކީ ކްލާހުގައި އެ ކުއްޖާއަށް ކިޔަވާ ނުދެވުނުވުނު އެއްޗެއް ޓިއުޝަނުގައި ކިޔަވައިދެވެންވީ ކިހިނެއް ކީއްވެ ހެއްޔެވެ؟ ކްލާހުގައި ކުއްޖަކަށް އޮޅުން ނުފިލާ އެއްޗެއް ކްލާހުން ބޭރުގައި އެ ކުއްޖާއަށް ބުނެދިނުމަކީ އެ ޓީޗަރެއްގެ ޒިންމާއެއް ނޫންތޯ އެވެ؟
ޑިގްރީއާ ހަމައަށް ކިޔަވައިގެން ހުންނަ ޓީޗަރަކަށް މަހަކު ލިބޭ 18،000ރ ގެ ބޭރުން ޓިއުޝަން ސެޝަންތަކުގައި ހޭދަކުރާ ވަގުތުގެ ތެރެއިން ކޮންމެ އެއް ގަޑި އިރަކީ އިތުރު 2،500ރ ކަމަށް ބަލަމާ ހިނގާށެވެ. ރާއްޖޭގައި ކިޔަވައިދޭން ތިބި މުދައްރިސުންނަށް އެޔޮށް ބޮޑު ޒިންމާ ވެސް މިއޮތީ ވިޔަފާރި އަކަށް ވެފައެވެ. ތައުލީމީ މޮޅު ދަރިއަކަށް ކުއްޖާ ހަދަން ބޭނުންވާ ކޮންމެ ބެލެނެވެރިއަކު މި ދަލުގައި ޖެހެނީ އެވެ. އާހިރުގައި ކުއްޖާ ކިޔަވައި ނިމޭ އިރު ސްކޫލުން ނިކުމެގެން އަންނަނީ ހަމަ އެކަނި ފޮތުގައި އޮތް އެއްޗެއް ދަސްވެގެންނެވެ. އަދި ބައެއް ކުދިން "އޮޓޯ ޕްރޮމޯޓް" ވަމުން ގޮސް ފޮތުގައި އޮތް އެތި ވެސް ދަސްނުވެ ފެއިލްވެގެނެވެ.
މިކަމުގެ ނަތީޖާ ވޯލްޑް ބެންކުގެ ރިޕޯޓުން އޮތީ ފެންނާށެވެ. މި ހަލާކުވަނީ މުޅި ގައުމުގެ މުސްތަގުބަލެވެ. ގައުމު ބިނާކުރަން ތެދުވާން އޮތް ޖީލެވެ. މާދަމާގެ ވެރިންނެވެ.
ޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ