ޚަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ނިންމައިފިއެވެ.
މާލީ ވުޒާރާއިން ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 4.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ޓީ- ބިލް ވިއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.9ބިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 172މިލިޔަން ރުފިޔާގެ ޓީ-ބިލް
• 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 830މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.
ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.
ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.
ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް 4.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ނިންމާފައިވާއިރު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެދަށުން ސަރުކާރުން ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެކަމަށްޓަކައި ޤާނޫނަށް ބައެއް އިޞްލާހުތައް ގެނައުމަށް މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ.
އެގޮތުން ޓޫރިޒަމްގެ ޚިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ.
މި އިޞްލާހުތަކުގެ ދަށުން ބޮޑުކުރަން ނިންމާފައިވަނީ ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓެވެ.
ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ޓެކުހާއި ފީ ބޮޑުކުރުމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 3 އިންސައްތައާ ހަމައަށް އަހަރެއްގެ މައްޗަށް އިތުރުވާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ