އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކުރުން: މޫސާ ފަތުހީ

އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކުރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވިދާޅުވީ ރަށްރަށުގެ އާންމު މަސައްކަތްތައް ކުރުމުގައި ޕަބްލިކް ވަރކްސް ޔުނިޓުތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
މޫސާ ފަތުހީ ވިދާޅުވީ އަންނަ އަހަރު އަތޮޅުތަކުގައި 15 ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމްކުރަން ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ ފަތުހީ ވިދާޅުވީ މިހާރުވެސް މޮބައިލް 2 ޕަބްލިކް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ޔުނިޓުތައް ވާނީ މަގުތަކުގެ މެއިންޓަނަންސް ބެލެހެއްޓުމާއި ނެރު ފުންކުރުންފަދަ މަސައްކަތްތައްކުރުމުގެ ޤާބިލުކަން ލިބިފައިވާ ޔުނިޓުތަކަކަށްކަން މޫސާ ފަތުހީ ފާހަގަކުރެއްވިއެވެ.
"ރަށް ސާފުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ކުއްލި ހާލަތްތަކުން އަރައިގަތުމަށް ރައްޔިތުންނަށް އެހީތެރިވުން ފަދަ ކަންކަން ޕަބްލި ޔުނިޓުތަކުން ކުރެވެންޖެހޭ. މިގޮތަށް މި ތަންތަން ތަރައްޤީކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން. މިސާލަކަށް ފެން ބޮޑުވުމުން ވެލި ބަސްތާ ޖެހުންފަދަ ކަންކަން އެ ޔުނިޓުތަކުން ކުރަންޖެހޭ." މޫސާ ފަތުހީ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ޕަބްލިކް ވަރކްސް ޔުނިޓުތައް ޤާއިމްކޮށްފައިހުރީ 9 ސަރަހައްދެއްގައެވެ. މި ތަންތަނުގެ ތެރޭގައި މާލެއާއި ހދ. ކުޅުދުށްފުއްޓާއި ލ. ގަމާއި ލ. ފޮނަދޫގެ އިތުރުން ލ. އިސްދޫ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ