ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތަކުގައި ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރާ ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޓިވެޓް ސެންޓަރުތަކުން ހިންގާ ކޯސްތަކުގައި ގްރޭޑް 9 އަދި 10 އެއްގެ ދަރިވަރުން ބައިވެރިކުރުމާ ގުޅޭ ގޮތުން އެއްބަސްވެފައިވާއިރު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ އަދި  ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަނެވެ.
ބްރިޖިންގް އެކްސެލެންސް ސްކޫލް ސްޓޫޑެންޓްސް ޓިވެޓް ޕްރޮގްރާމް" ގެ ދަށުން ނެޝަނަލް ލެވެލް ސެޓްފިކެޓް 3 އަދި 4 ގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގުރޭޑު 9 އަދި 10 އެއްގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި އެ މިނިސްޓްރީން ބުނީ ސްކޫލް ދަރިވަރުންނަށް މި ފުރުޞަތު ފޯރުކޮށްދިނުމުގެ ބޭނުމަކީ ތަފާތު ހުނަރުތަކުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފޯރުކޮށްދިނުމަށާއި ކިޔެވުން ނިންމާ މުޖުތަމަޢަށް ނުކުންނައިރު ފައިދާކުރާނެ މަސައްކަތްތައް ކުރުމަށް މަގުފަހިވެ، އެ ދާއިރާއަކުން މަތީ ތައުލީމު ޙާޞިލުކުރުމަށް ފުރުޞަތު ހުޅުވާލަދިނުންކަމަށެވެ. އެ މިނިސްޓްރީން އިތުރަށް ބުނީ މި އިންސްޓިއުޓްތަކުން ހިންގާ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުން ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކޯސްތަކެއްކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނީ މީހުން ބިނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ރަށްރަށުގައި ތިބެގެން ފެންވަރު ރަނގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ޒުވާނުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ، މިހާރު ޤާއިމުކުރާ އިންސްޓިއުތްތަކުގެ ފައިދާ ސުކޫލުތަކާއި އެ ސަރަޙައްދުގެ ރަށްތަކުގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށާއި އަދި މި ޚިދުމަތް ލިބެން ފެށުމުން ޓިވެޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށާއި ކިޔަވައިދިނުމުގެ ވަޞީލަތްތައް ޤާއިމުކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ ތެރެއިން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ގެންދާނެއެވެ. އަދި ދަރިވަރުން ކިޔަވައި ނިމުމަށްފަހުގައިވެސް އިންސްޓިޓިއުޓްތަތަކުގެ ވޯކްޝޮޕްތަކުގެ ޚިދުމަތް 1 އަހަރު ދުވަހަށް ބޭނުންކޮށްގެން އިތުރަށް ކިޔަވާ އަހުލުވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ސަރުކާރުން ޓެކްނިކަލް އިންސްޓިއުޓްތައް ތަރައްޤީކުރަމުން އަންނަ ރ. އަލިފުށި ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގައި އަޅާ އެ އަތޮޅު ޓިވެޓް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ.
މިހާރު ކުރިއަށް ދަނީ ޢިމާރާތްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްތަކާއި ވޯކްޝޮޕްތަކަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ