ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މަޖީދު އައްޔަންކޮށްފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި، އަދި ކުރިން ބޯޑު މެންބަރަކަށް ވެސް ހުންނެވި އަބްދުލް މަޖީދު އަލީ އައްޔަން ކުރައްވައިފި އެވެ.
ޗެއާޕާސަންގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖީދު އައްޔަން ކުރެއްވި ނަމަވެސް އެކަން ޕެންޝަން އޮފީހުން އިއުލާން ކުރީ މިއަދު އެވެ. މަޖީދު އެ މަގާމަށް އައްޔަން ކުރީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.
މަޖީދު އެ މަގާމަށް އައްޔަން ކުރެއްވި ކުރިން ޗެއާޕާސަން އަކަށް ހުންނެވި އަހުމަދު އިނާޒު އިސްތިއުފާ ދެއްވުމުންނެވެ. 
"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން"
ޕެންޝަން އޮފީހުގެ ބޯޑާ އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ފެބްރުއަރީ 2022 ގަ އެވެ. 
މާލީ އަދި ބޭންކިން ދާއިރާގައި ގިނަ ތަޖުރިބާ ހާސިލު ކުރައްވާފައިވާ މަޖީދު ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯންގައި މަސައްކަތް ކުރައްވައި، ބޭންކިން އަދި ފައިނޭންސް ދާއިރާގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވެ އެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑުގައި ޕްރައިވެޓް ސެކްޓަ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައިވެސް އޭނާ  މަސައްކަތް ކުރައްވި އެވެ. 
މަޖީދު ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ބިޒްނަސް، ބޭންކިން އެންޑް ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ.  އޭނާ ވަނީ ވޭލްސްގެ ކާޑިފް ޔުނިވަސިޓީން އިންޓަނޭޝަނަލް އިކޮނޮމިކްސް، ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އިނާޒު އާއި އެ ބޯޑުގެ ބައެއް މެންބަރުންނާއި ސީނިއާ ބައެއް މުވައްޒަފުން އިސްތިއުފާ ދެއްވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ބޭނުންވާ ފައިސާ "ޗާޕްކުރަން" އުޅުމުންނެވެ.
ސުޖާތާއަކީ ޕެންޝަން އޮފީހާއި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން އިންކާރުކުރުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވި ދެވަނަ ބޭފުޅާ
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އެ މަގާމުން އިސްތިއުފާ ދެއްވީ ބޯޑުން ފާސްކުރި ގޮތަށް ބޮންޑު ގަތުމާއި ވިއްކުމުގެ މުއާމަލާތް ހިންގަން ލިޔުމުގައި ސޮއިކުރަން ދެކޮޅު ހެދުމަށް ފަހު އެވެ. 
ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ބޯޑުން ބޭނުންވީ ވަގުތުން ވަގުތަށް އެ މުއާމަލާތައިގެން ކުރިއަށްދާށެވެ. ނަމަވެސް ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ލިޔުމުގައި ސޮއިކުރަން އިންކާރު ކުރައްވާފަ އެވެ. 
މަޖީދު ޗެއާޕާސަން ކަމަށް އައްޔަން ކުރެއްވުމުގެ އިތުރުން ޕެންޝަން ބޯޑުގެ މެންބަރު ކަމަށް، ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ޔާމީން އިދްރީސް ވަނީ އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ