އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހުމުން މާފަށް އެދިވަޑައިގަންނަވައި އެމްޑީޕީގެ އާއްމު މެމްބަރުން ވެސް އެ މަނިކުފާނު އަރިހުން މާފަށް އެދެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟- އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން، ބޭއްވި ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން އެ މަނިކުފާނަށް ވުރެ 'ދެރަވާނެ މީހަކު ނުހުންނާނެ' ކަމަށާއި އެމްޑީޕީއަކީ މުޅި ހަޔާތް ކަމަށެވެ.
އެކަމަކު، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން މާފަށް އެދިވަޑައިގެންނަވައި، ދެން އެދިވަޑައިގެންނެވީ އާއްމު މެމްބަރުން ވެސް އެ މަނިކުފާނު އަރިހުން މާފަށް އެދުމަށެވެ.
ބުނީ ކީކޭ؟- އެކަމަކު އެ އިންތިހާބުގައި ނަޝީދާ އެކު ދެން ވާދަ ކުރައްވާ މީކާއީލް އެކަމެއް ގަބޫލެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ ނަޝީދު ނޫނީ އެހެން މީހެއްގެ ފަރާތުން ވެސް އާއްމު މެމްބަރުން މާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި 'އެބޭފުޅުން އެ ބޭފުޅުންނަށް ހެދީ' އާއްމު މެމްބަރުން ކަމަށެވެ. އަދި 'އެބޭފުޅުން އެ ބޭފުޅުންނަށް ވީ ވެސް' އާއްމު މެމްބަރުންގެ އެތައް އަހަރެއްގެ ގުރުބާނީއަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.
"ނަޝީދާއި [ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] އިބޫ ވެސް ރައީސްކަމަށް ގެނައީ އެމްޑީޕީގެ އާއްމު މެމްބަރުން. އެ ބޭފުޅުންނަށް އެ ލިބޭ ޝަރަފާއި އިނާޔަތް އެ ލިބެނީ އެމްޑީޕީގެ މެމްބަރުންނާ ހެދި،" މީކާއީލް ވިދާޅުވި އެވެ.
ސޯލިހާ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު 2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުން، މީކާއީލް ސިފަ ކުރެއްވީ، 'އެއްވެސް ކަމަކަށް ރިއާޔަތް ނުކުރެވި، ސިޔާސީ މަންފާއަށްޓަކައި އެތައް ހާސް މެމްބަރުން މަގުމަތިކޮށްލުން' ގޮތުގަ އެވެ.
"ކުރުކޮށް ދަންނަވާނަމަ ދަންނަވާނީ، އެމްޑީޕީގެ އާއްމު މެމްބަރުން މާފަށް އެދެން ޖެހޭވަރު ކަމެއް އޮތްކަމަކަށް،" މީކާއީލް ވިދާޅުވި އެވެ.
އެނގުން މުހިއްމު- ދުވާފަރުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވަނީ އެ މަނިކުފާނު އެމްޑީޕީއާ ދުރަށް ޖެހިވަޑައިގެންނެވި ސަބަބުތައް ވިދާޅުވެފަ އެވެ.
އެގޮތުން:
2019ގައި އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ލިބި، އެ އަހަރު ނިމުނު ފަހުން ނަޝީދުއާ ވާހަކަ ދެއްކެވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްޓާލެއްވި ކަމަށް؛ އެކަމަކު އެއީ ޅައިރުން ފެށިގެން 'އެއްތަށިމަތީ' އެކީ އުޅުއްވި ދެ ބޭފުޅުން ކަމަށް ވިދާޅުވި
ދެން ނަޝީދު އިޝާރާތްކުރެއްވީ 6 މެއި 2021ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ؛ "ތިން ތަނުގައި ބޮން ބަހައްޓައިގެން ކޮންމެވެސް އެއް ތަނެއް ގޮއްވާލައި އެ ކަމުގެ ތަހުގީގު ހިނގި ގޮތް" ފެންނާނެ ކަމަށް ވިދާޅުވި
އެންމެ ފަހުން ރިޔާސީ ޕްރައިމަރީގެ ފަހުން އޭރުގެ މަޖިލިސް މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުން؛ ނަޝީދު އިއްޔެ ވިދާޅުވީ މަޖިލިސް މެންބަރުންނަށް ތިއްބެވި ހަސަން ލަތީފާއި އިލްޔާސް ލަބީބާއި އީވާ އަބްދުﷲ ވެސް ވަކިކުރަން އުޅުނު ކަމަށް
"ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފައި އޮތީމައި އަޅުގަނޑުގެ ލަދެއް ހުރިއްޔާ ދާނެތާ އެ ހިސާބުން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަރިހުން އެއްވެސް މީހަކު މާފަށް އެދޭކަށް ނުޖެހޭ: މީކާއީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ