އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ހައި ކޯޓުން އެ އަމުރު ބާތިލް ކޮށްފައި ވަނީ، ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. އެ މައްސަލައާއި ގުޅިގެން ހައިކޯޓުން ބުނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށެވެ.
ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލާފައި ވަނީ ކޮންމެ ރެޔަކު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފައެވެ.
މިއަދު ހައި ކޯޓުން ކުރި އަމުރުގައި ވާގޮތުން ލަމްހާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކުރިއިރު, އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ނެތި ގޮސްފައިވޭތޯ ބަލައި ވަޒަންކުރެވިފައިވާކަން އެނގެން ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.
ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް, އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ކޮށްފައި އޮތް އަމުރު ދެމި އޮތް ކަމަށް ހައި ކޯޓުން ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު, ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله އަދި އިސްފަނޑިޔާރު ހުސެއިން ޝަހީދެވެ.
މޭރީ މަރާލި މައްސަލާގައި ދައުވާ އުފުލާފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ