މޫސުން ގޯސްވުމުގެ ސަބަބުން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ފަސްކޮށްފި

އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ހާއްސަކޮށްގެން ޔޫތް މިނިސްޓްރީން 31 ޑިސެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައެވެ.
މި ސަބަބާހުރެ ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން އެދުވަހުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024" ޙަރަކާތް ފަސްކޮށްފައިވާކަަމަށް ޔޫތް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ މޫސުން ރަނގަޅުވުމުން އެ ފެސްޓިވަލް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު އެކަން އަލުން އިއުލާންކުރާނެކަމަށެވެ.
މި ފެސްޓިވަލް ބާއްވާނެކަމަށް ފުރަތަމަ އިއުލާންކޮށްފައިވަނީ ޔޫތް މިނިސޓްރީން ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރު ވަނީ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގައި މިއުޒިކް ޝޯއަކާއި ލޭޒާ ޝޯއެއްވެސް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ