ހޮރްމުޒް ކަނޑުއޮޅި ކައިރިއަށް ހޯމަ ދުވަހު ވެއްޓުނު އެމެރިކާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން، އެމެރިކާގެ ކަނޑުގެ ޑްރޯންއެއް ބޭނުންކޮށްގެން ސަލާމަތްކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
މިއީ އެމެރިކާގެ އަސްކަރިއްޔާއިން މިފަދަ ޑްރޯންއެއް ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މީގެ ކުރިން ބުނެފައިވަނީ، އޮމާންގެ އައްސޭރިފަށާ ކައިރިން ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަމުންދަނިކޮށް އޭއެޗް-64 އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރު ވެއްޓުނުތާ ގާތްގަނޑަކަށް ދެ ގަޑިއިރު ނުވަނީސް، އޭގައި ތިބި ދެ ސިފައިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ސެންޓްކޮމްއިން ބުންޏެވެ.
މި ހެލިކޮޕްޓަރު ވެއްޓުނީ މެކޭނިކަލް ނުވަތަ ފަންނީ މައްސަލައެއް ދިމާވެގެން ކަމެއް، ނުވަތަ އީރާނުން ދިން ހަމަލާއެއްގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެ އެވެ. މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ސީބީއެސް ނިއުސްއާ ވާހަކަ ދެއްކެވި އަސްކަރީ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ދެ މީހުން ސަލާމަތްކޮށްފައިވަނީ ޓާސްކް ފޯސް 59 އިން އޮޕަރޭޓްކުރާ، އިންސާނަކާ ނުލައި ދުއްވާ ކަނޑުގެ ޑްރޯންއެއް ބޭނުންކޮށްގެންނެވެ.
މެދުއިރުމަތީގެ ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި، އިންސާނުން އޮޕަރޭޓްކުރާ ވަސީލަތްތަކާއެކު އިންސާނަކާ ނުލައި ދުއްވާ ނިޒާމުތައް ބޭނުންކުރުމަށް ހާއްސަ ޔުނިޓެއް 2024 ވަނަ އަހަރު ޓާސްކް ފޯސް 59 އިން ވަނީ އުފައްދާފަ އެވެ.
މި އޮޕަރޭޝަނުގައި ބޭނުންކުރީ ކޮން ބާވަތެއްގެ ޑްރޯންއެއްކަން އަދި ސާފުވެފައި ނުވި ނަމަވެސް، އެމެރިކާގެ އޮފިޝަލަކު އޭބީސީ ނިއުސްއަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޑްރޯން ފަރުމާކޮށްފައިވަނީ ލޯންޗެއްގެ ބައްޓަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިންގެ ހާލު ވެސް "ރަނގަޅު" ކަމަށާއި، މި ހާދިސާއާ ގުޅޭ ރިޕޯޓެއް ފަހުން އާންމުކުރާނެ ކަމަށެވެ.
އޮމާން ކައިރިއަށް ވެއްޓުނު އެމެރިކާ ހެލިކޮޕްޓަރުގައި ތިބި ޕައިލެޓުން ސަލާމަތް ކުރީ ޑްރޯން ބޭނުންކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ