ދުނިޔޭގެ ކޮންމެ ކޮޅަކުން އިވެނީ ހަނގުރާމައާއި ހަލަބޮލިކަމުގެ އަޑުތަކެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި މިލިއަނުން މީޙުން ދިރިއުޅެމުންދާއިރު، ހިތްހަމަޖެހުމާއި އަމާންކަމަކީ މިއަދު އަގުބޮޑު އެއްޗަކަށް ވެއްޖެ އެވެ. ބައެއް ގައުމުތަކުން ފެންނަނީ ބިރުވެރިކަމެއް ނެތް، ހަމަހިމޭން، އަދި އަމާން ދިރިއުޅުމެކެވެ. އެ ގައުމުތަކުން އެފަދަ އަމާންކަމެއް ހޯދީ ކިހިނެއް ހެއްޔެވެ؟ އައިސްލޭންޑް، ނިއުޒީލޭންޑް އަދި އެހެނިހެން ގައުމުތަކުގެ ރައްޔިތުން، އެމީހުންގެ ގައުމުތަކަކީ އެހާ އަމާން ގައުމުތަކަކަށް ހަދައިދޭ ސިފަތައް ކިޔައިދެ އެވެ.
މި އަހަރުގެ "ގްލޯބަލް ޕީސް އިންޑެކްސް" (ދުނިޔޭގެ އަމާންކަމުގެ މިންގަނޑު) ދައްކާ ގޮތުން، މިދިޔަ އަހަރަށްވުރެ ދުނިޔޭގެ އަމާންކަން މިހާރު ވަނީ ކުޑަވެފަ އެވެ. ޖުމްލަ ގޮތެއްގައި 99 ގައުމެއްގެ އަމާންކަން ދަށަށް ގޮސްފައި ވާއިރު، މިއީ މުޅި ދުނިޔޭގެ އަމާންކަން ދަށަށްދިޔަ ޖެހިޖެހިގެން 12 ވަނަ އަހަރެވެ. ނަމަވެސް، މި ހާލަތު ގޯސްވަމުންދާ ދަނޑިވަޅުގައި ވެސް، މަދު ގައުމުތަކެއް ދަނީ ތަފާތު ދައްކަމުންނެވެ.
2007 ވަނަ އަހަރު މި އިންޑެކްސް އުފެއްދި "އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް" ގެ ބާނީ އަދި އެގްޒެކެޓިވް ޗެއާމަން ސްޓީވް ކިލެލިއާ ވިދާޅުވީ، "މިފަދަ ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަށް އޭގެ އަސަރެއް ނުކުރެއެވެ."
މި އިންޑެކްސްއިން 163 ގައުމެއް ރޭންކް ކުރަނީ 23 މިންގަނޑަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އަސްކަރީ ހަރަދުތަކާއި، ހިނގަމުންދާ ހަމަނުޖެހުންތަކުން ފެށިގެން ގޮސް، މީހުން މެރުމުގެ ނިސްބަތާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވޭ މިންވަރު ހިމެނެއެވެ. އެންމެ ކުރީގައި އުޅޭ ގައުމުތަކަކީ އާންމުގޮތެއްގައި އަނިޔާވެރިކަން މަދު، ހަރުދަނާ މުއައްސަސާތަކެއް ހުންނަ، މުޖުތަމައުގެ މެދުގައި އިތުބާރު ބޮޑު، އަވަށްޓެރިންނާއެކު ރަނގަޅު ގުޅުމެއް އޮންނަ އަދި ދިރިއުޅުމުގެ ފެންވަރު މަތި ގައުމުތަކެވެ. އަމާންކަމުގެ މިންގަނޑުން އެންމެ ކުރީގައި އުޅެނީ އައިސްލޭންޑެވެ.
2008 ވަނަ އަހަރުން ފެށިގެން އައިސްލޭންޑް އޮތީ މި ލިސްޓުގެ އެންމެ ކުރީގައެވެ. އަނިޔާވެރި މުޒާހަރާތައް ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން 2026 ވަނަ އަހަރު އެގައުމުގެ ދަރަޖަ ވަނީ 2 ޕަސެންޓު ކުރިއަށް ޖެހިފަ އެވެ. އަދި ސަލާމަތްތެރިކަމާއި، ހަމަނުޖެހުންތައް މަދުވުމާއި، އަސްކަރީ ބާރު ކުޑަވުމުގެ ސަބަބުން ވިދިވިދިގެން 19 ވަނަ މި މަގާމު އެ ގައުމުން ދިފާއުކޮށްފި އެވެ.
ލިސްޓުގެ ދެވަނައިގައި އޮތް (2025 ގައި ތިންވަނައިގައި އޮތުމަށްފަހު ކުރިއަށްޖެހުނު) ނިއުޒީލޭންޑަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ އެންމެ ރައްކާތެރި ގައުމެވެ. އަދި އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެންމެ މަދު ގައުމަކީވެސް އެއީއެވެ. މި ކުރިއެރުން ބޮޑަށް ލިބުނީ ހަތިޔާރު އެތެރެކުރާ މިންވަރު ދަށަށް ދިއުމުންނެވެ. އަދި އެގައުމަކީ ދުނިޔޭގެ އެންމެ ރައްކާތެރި، އަދި އަސްކަރީ ބާރު އެންމެ ކުޑަ އެއް ގައުމެވެ. މި އަމާންކަމުގެ ބޮޑުބައެއް ގުޅިފައިވަނީ އެގައުމު އޮތް ސަރަހައްދާއެވެ. މިތަނުގައި ރައްކާތެރިކަމަކީ ކިތަންމެ އާދައިގެ ކަމަކަށްވާތީ، އެއީ އާންމުކޮށް ވިސްނާވެސް ކަމެއް ނޫނެވެ.
މިދިޔަ އަހަރު ފަސްވަނައިގައި އޮތުމަށްފަހު 2026 ގައި ތިންވަނައަށް ޖެހިލި ސްވިޒަލޭންޑަކީ، ކުށްކުރުން މަދުވުމާއި އަސްކަރީގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ ދިގު ސިޔާސަތެއް އޮތް، ދުނިޔޭގެ އެންމެ ރައްކާތެރި އެއް ގައުމެވެ.
މި އިންޑެކްސްގެ އެންމެ ކުރީގެ ފަސް ގައުމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހިމެނުނު ސްލޮވީނިއާގެ ކާމިޔާބީގެ އަސާސަކީ، އަސްކަރީ ހަރަދުތައް ކުޑަވުމާއި ސަލާމަތާއި ރައްކާތެރިކަން މަތީ ދަރަޖައަކަށް އޮތުމެވެ.
ލިސްޓުގެ ފަސްވަނައިގައި އޮތް އަޔަލޭންޑަށް މަތީ މާކްހެއް ލިބެނީ އަނިޔާވެރިކަން މަދުވުމާއި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގައި ބައިވެރިވާ މިންވަރު ކުޑަވުމުންނެވެ. އެގައުމުގެ ހަލަބޮލި މާޒީއަށް ބަލާއިރު، މި ރައްކާތެރިކަމަކީ އެމީހުން ފަސޭހައިން ދޫކޮށްލާނެ އެއްޗެއް ނޫނެވެ.
މި އަހަރު ގްލޯބަލް ޕީސް އިންޑެކްސްގައި އަމާންކަން އެންމެ ބޮޑަށް ގޯސްވި ސަރަހައްދެއްގެ ގޮތުގައި ރެކޯޑުކުރެވުނީ ދެކުނު އޭޝިއާއެވެ. އެގޮތުން މި ސަރަހައްދުގެ ޖުމްލަ އެވްރެޖް ސްކޯ ވަނީ 2.3 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މި ހީނަރުކަން ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ ހިނގަމުންދާ ހަމަނުޖެހުންތަކެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ދާހިލީ ހަމަނުޖެހުންތައް ބޮޑެވެ.
މި ލިސްޓުގައި ސާކް ގައުމުތަކުގެ ތެރެއިން އެންމެ އަމާން ރައްކާތެރި ގައުމަކީ ބޫޓާން އެވެ. އެ ގައުމު ހިމެނެނީ މި ލިސްޓުގެ 163 ގައުމުގެ ތެރެއިން 16 ވަނައިގަ އެވެ. މިދިޔަ އަހަރަށް ވުރެ ބޫޓާން ދެ ދަރަޖަ އުފުލިފައިވެ އެވެ. ސާކް ގައުމުތަކުގެ ތެރެއިން އެންމެ ދަށުގައި އޮތީ ހަމަނުޖެހުން ހަނގުރާމަ އާއި ހަމަނުޖެހުން ބޮޑު އަފްޣާނިސްތާނެވެ. މި އިންޑެކްސްގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ.
ދުނިޔޭގެ އެންމެ އަމާން ފަސް ގައުމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ