އައްޑޫ ސިޓީ ހިތަދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ "ޑްރަގް ކެފޭ" އެއް ކަމަށް ތުހުމަތުކުރެވޭ ސ. ހިތަދޫ، ލާމިޔާގެއާގޭ ބަންދުކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ކޯޓުން އެ އަމުރު ނެރުނީ 90 ދުވަހަށް ކަމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން އައްޑޫ ސިޓީ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެގޮތުން އެފަދަ ތަންތަނަށް ހުއްދަ ނުހޯދައި ވަންނަ މީހުންނާއި، އެތަނަށް ގެއްލުންދޭ މީހުންނާމެދު ގާނޫނީގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.
ފުވައްމުލައް ސިޓީގައި ހަމަ މިގޮތަށް ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކުރަން ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ. އެއީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭ އެވެ. އެތަން ބަންދުކުރީ 85 ދުވަހަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން މާލޭގައި ހިންގި ޑްރަގު ކެފޭއެއް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
އައްޑޫ ސިޓީ ހިތަދޫ ހިންގާ "ޑްރަގު ކެފޭ" އެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ