އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ލިބިވަޑައިގަތުމާއި ގުޅިގެން ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވި ބޭފުޅާގެ ޝަރަފު ހޯއްދެވި ކަމަށްޓަކައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިޚްލާޞްތެރި މަރުޙަބާއެއް ދަންނަވާކަމަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، އަދި ދެފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގެންނެވުމަށްފަހުވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ރައީސްގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންފައެވެ. މިދަތުރުފުޅުގެ ތެރެއިން އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކުރައްވާފައެވެ. އަދި މީގެ ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްގައި ދެޤައުމުން މިހާރުވަނީ ސޮއިވެސް ކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ނަރެންދުރަ މޯދީ އައްޔަންކޮށްފައިވަނީ 26 މެއި 2014 ވަނަ އަހަރުއެވެ. މޯދީ ވަނީ 3 ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމަށް އައްޔަންވެފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ވަނީ ވެފައެވެ. މި ގުޅުން މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ ދަނީ ކުރިއަށްދަމުންނެވެ.
އެންމެ ގިނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ޝަރަފް މޯދީއަށް، ރައީސްގެ މަރުޙަބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ