ބަހްރައިންގައި ހުންނަ އެމެރިކާގެ މަރުކަޒަށް ރައްދުގައި ހަމަލާ ދީފިން: އީރާން

އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، ބަހުރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު ބުނެފި އެވެ.
"ހަނގުރާމައަށް ފެންބޮވައިގެންފައިވާ އެމެރިކާގެ ސަރުކާރުން މިއަދު ހެނދުނު ކުރިއާލައި ދޮގު ބަހަނާތަކެއް ދައްކައި، ޖާސްކް، ސިރިކް އަދި ގިޝްމްގެ އެކި ސަރަހައްދުތަކަށް ވަނީ ހަމަލާ ދީފައި. މީގެ ސަބަބުން ސިރިކްގައި ހުރި މުއާސަލާތީ އެންޓެނާއަކަށް ގެއްލުންވެ، އެ ރަށުގެ ދެ ފެން ޓޭންކެއް ވަނީ ހަލާކުވެފައި،" އީރާނުގެ މީޑިއާތަކުން ފޮނުވި އިންގިލާބީ ލަޝްކަރުގެ ބަޔާނެއްގައި ބުނެފައިވެ އެވެ.
"ދުޝްމަނުންގެ މި ނުބައި އަމަލުގެ ރައްދުގައި، އައިއާރުޖީސީ ގެ ކަނޑުގެ ސިފައިން ވަނީ ފަތިހު 2:30 ގައި (ޖީއެމްޓީން އަންގާރަ ދުވަހުގެރޭ 11:00 ގައި) ބަހުރައިންގައިވާ އެމެރިކާގެ ފިފްތު ފްލީޓަށް ޑްރޯން ހަމަލާއެއް ދީފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ ހަމަލާތައް ކުރިއަށްދާ ނަމަ، މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނީ، އީރާނަށް ހަމަލާ ދިނީ "ސަބަބަކާ ނުލައި" ދިން ހަމަލާގެ ރައްދު ދިނުމުގެ ގޮތުން، ރައީސް އަދި ކޮމާންޑަ އިން ޗީފް ޓްރަމްޕުގެ ސީދާ އަމުރަށް ދިފާއީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. 
 އެމެރިކާގެ ހަމަލާތަކާ ގުޅޭގޮތުން ޑިޖިޓަލް ނޫސް އެޖެންސީ "އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރު މަރުކަޒުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ