ހެލިކޮޕްޓަރެއް ވައްޓާލިކަމަށް ބުނެ އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާދީފި

ހޯރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލި ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ތުހުމަތު ކުރެއްވުމާ ގުޅިގެން، އެމެރިކާ އިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ހެލިކޮޕްޓަރު ވައްޓާލުމާ ގުޅިގެން ދިން މި ރައްދު ހަމަލާތައް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.
ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަސްކަރީ ހަރަކާތަކީ އީރާނުން އިންސާފެއް ނެތި ހިންގި އުދުވާނަށް ދިން އެކަށީގެންވާ ރައްދެއް ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ޕާޝިއަން ގަލްފާއި ހޯރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވައްޓާލި އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން ސަލާމަތްކޮށްފައިވަނީ އެމެރިކާގެ ކަނޑުއަޑީގައި ދުއްވާ އުޅަނދެއް (ސީ ޑްރޯން) ބޭނުންކޮށްގެން ކަމަށް ސެންޓްކޮމް އިން މައުލޫމާތު ދެއެވެ. މިއީ މިފަދަ އޮޕަރޭޝަނެއްގައި މި ބާވަތުގެ އުޅަނދެއް ބޭނުންކުރިކަން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
"މީގައި ހިމެނޭ ދެ ޕައިލެޓުންވެސް ތިބީ ސަލާމަތުން، އެއްވެސް އަނިޔާއެއް ނުލިބޭ،" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމްގައި ލިޔުއްވާފައިވެއެވެ. "އެހެންނަމަވެސް، މި ހަމަލާއަށް އެމެރިކާ އިން ރައްދު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ."
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނުން ހެލިކޮޕްޓަރަށް ހަމަލާދިނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. ނަމަވެސް، އީރާނުގެ ޑްރޯން އިން ހެލިކޮޕްޓަރަށް ހަމަލާދިނީ ގަސްތުގައި ކަމެއް ނުވަތަ ނޫންކަމެއް އަދި މުޅިން ސާފުނުވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
އީރާނުގެ މީޑިއާތަކުން މި ހާދިސާ ހިނގިކަން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ގައުމުގެ މެހްރު ނިއުސް އެޖެންސީން ބުނެފައިވަނީ ހެލިކޮޕްޓަރު ވައްޓާލި ކަމުގެ ޒިންމާ އީރާނުން އުފުލާފައިނުވާ ކަމަށެވެ.
ހެލިކޮޕްޓަރު ވައްޓާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެމެރިކާ އިން އީރާނަށް ހަމަލާދީފައިވާކަން ސެންޓްކޮމް އިން ވަނީ އިއުލާނުކޮށްފައެވެ. މިއީ އީރާނުގެ އުދުވާނާ އެކަށޭނަ މިންވަރަކަށް ދިން ރައްދު ހަމަލާއެއް ކަމަށް އެ އިދާރާއިން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ