އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން، އެ ކޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން ލަސްވެއްޖެއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު 3:00 އަށެވެ. ސުޕްރީމް ކޯޓު ކައިރީގައި މި ވަގުތު ހުރި "ވަން" ގެ ނޫސްވެރިޔާ ބުނީ ކޯޓުގައި ކަރަންޓު ނެތުމުގެ ސަބަބުން އަޑުއެހުން ނުފެށި ލަސްވެފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި ޔާމީންގެ ގާނޫނީ ވަކީލުންވެސް މި ވަގުތު ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ.
ސުޕްރީމް ކޯޓުން ކަރަންޓު ކެނޑިގެން ޔާމީންގެ އަޑުއެހުން ފެށުން ލަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ