ބަންގްލަދޭޝްގެ ހިތްތަކުން ފަނޑުނުވި، އާޖެންޓީނާގެ ނުލާއި ހުދު ލޯބި

ކްރިކެޓަށް ލޯބިކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތާ ދިމާކޮށް އާދަޔާ ހިލާފު ފޯރިއަކާ އެކު އާޖެންޓީނާގެ ޓީމަށް ސަޕޯޓުކުރަން ފަށަ އެވެ.
އެ ގައުމުގެ ވެރިރަށް ޑާކާގެ މަގުތަކާއި އިމާރާތްތަކުގައި އާޖެންޓީނާގެ ދިދަތައް ވިހުރެމުންދާ މަންޒަރު ނިއުސް އެޖެންސީތަކުގެ ފޮޓޯ އަލްބަމްތަކުގައި ހުރީ އާކައިވް ކޮށްފަ އެވެ.
ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން އާޖެންޓީނާގެ ޓީމަށް އޮތް ސަޕޯޓާއި ފޯރި ފެންނަނީ ހަމައެކަނި ޑާކާއަކުންނެއް ނޫނެވެ. އެ ގައުމުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ރާއްޖޭގައި ވެސް އެ ފޯރި، އާޖެންޓީނާ ކުޅޭ މެޗުތަކުގައި މާލޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ފެނެ އެވެ.
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ބޮޑު ސްކްރީން ދޮށުގައި، އާޖެންޓީނާ ކުޅޭ މެޗެއް ނަމަ، ގިނަ ވާނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ޑާކާ އާއި ބަންގްލަދޭޝްގެ ބޮޑެތި އެހެން ސިޓީތަކުގައި ބޮޑުސްކްރީންތައް ބަހައްޓައިގެން ހާހުން މީހުން ދަނީ މެޗުތައް ބަލަމުންނެވެ.
ބަންގްލަދޭޝްގެ ނޫސްވެރިޔާ ސައިފް ހަސްނާތު ލިޔެފައިވާ ގޮތުގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި އާޖެންޓީނާ އަށް ބަންޑުންވީ 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާ ދެއްކި މޮޅު ކުޅުމާ އެކު އެވެ.
"(ވޯލްޑް ކަޕް 1986 ން ފެށިގެން) ބަންގްލަދޭޝްގެ ރައްޔިތުންގެ ހިތްތަކުން އާޖެންޓީނާ ވަނީ ހާއްސަ ޖާގައެއް ހޯދާފަ،" ނިއުޔޯކް ޓައިމްސް އަށް އޭނާ ލިޔެފައި ވެއެވެ. 
އެއަށްފަހު ބަންގްލަދޭޝްގެ މިހާރުގެ ޖީލަށް މި ލޯބި ވާރުތަވީ ލިއޮނަލް މެސީގެ ޖާދޫގައި ޖެހިގެންނެވެ.
ހަސްނާތު ލިޔެފައިވާ ގޮތުގައި ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި މި ލޯބި މިހާރު ވަނީ މާ ބޮޑަށް އިތުރުވެފަ އެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ކޮންމެ ވޯލްޑް ކަޕަކާ ދިމާކޮށް އެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި އެންމެ ބޮޑު ދިދަ ތައްޔާރުކުރާ ސަޕޯޓަރުންގެ ގްރޫޕަށް ވުމުގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެ އެވެ.
އޭނާ ލިޔެފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ގައުމީ ކްރިކެޓް ޓީމު ޒިމްބާބުވޭއާ ދެކޮޅަށް މުހިންމު ސިލްސިލާ މެޗުތަކެއް ކުޅެމުންދާއިރު ވެސް، ފުޓްބޯޅައިގެ މި ބޮޑު ފޯރީގެ ސަބަބުން ކްރިކެޓް މެޗުތަކަށް މީހުންގެ ސަމާލުކަން ވަނީ މުޅިން ގެއްލިފަ އެވެ.
މި ފޯރީގެ ތެރެއިން ޑާކާގެ ޒުވާނުންތަކެއް ވަނީ 10 ބުރީގެ ދެ އިމާރާތް ދޭތެރޭގައި 40 ފޫޓު ދިގު، 30 ފޫޓު ފުޅާ އާޖެންޓީނާގެ ޖާޒީއެއް ތައްޔާރުކޮށް ދަމައި ހަރުކޮށްފަ އެވެ.
މި ހަރަކާތް ބެއްލުމަށް ބަންގްލަދޭޝްގައި ހުންނަވާ އާޖެންޓީނާގެ ސަފީރު މާސެލޯ ކާލޯސް ސޭޒާ ވެސް ޒިޔާރަތް ކުރެއްވި އެވެ.
"އަހަރެމެން އާޖެންޓީނާ މީހުންނާއި ބަންގްލަދޭޝް މީހުން ފުޓްބޯޅަ ބެލުމުގައި ގެންގުޅެނީ އެއްގޮތް ޖަޒުބާތުތަކެއް ކަމަށް އަހަރެން ދެކެން. އެއީ މެޗުގައި ހިނގާ ކަންކަމަށް މުޅި ހަކަތަ ހުސްކޮށްލުން. އެހެންކަމުން މި ސަބަބަށްޓަކައި އާޖެންޓީނާ މީހުންނާއި ބަންގްލަދޭޝް މީހުންގެ މެދުގައި ގުދުރަތީ ގާތްކަމެއް އުފެދިފައިވޭ،" އާޖެންޓީނާގެ ސަފީރު މާސެލޯ ކާލޯސް ސޭޒާ ވިދާޅުވި އެވެ.
އާޖެންޓީނާ މެޗުތައް ބަލާ، ބަންގްލަދޭޝް ސަޕޯޓަރުންގެ ޖަޒުބާތުތައް ހުންނަނީ ވަރަށް މަތީގަ އެވެ.
މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި ދާދި ފަހު ވަގުތާ ޖެހެންދެން ވެސް އާޖެންޓީނާ އޮތީ ދެ ލަނޑުގެ ޑެފިސިޓަކުން ފަހަތުގަ އެވެ. އެ ހާލަތުގައި މެޗު ބަލަން އުނދަގޫވެ، ބަންގްލަދޭޝްގައި އެ މެޗު ބެލި ބައެއް ސަޕޯޓަރުން ހާސްވެގެން ގެއަށް ވެސް ދިޔަ ކަމަށް ހަސްނާތު ލިޔެފައިވެ އެވެ.
ސެމީ ފައިނަލްގައި އިންގްލެންޑް ބަލިކޮށް އާޖެންޓީނާ ފައިނަލަށް ދިޔަ މެޗުގައި ވެސް ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުންނަށް ކުރެވުނީ އެ އިހްސާސެވެ.
"އާޖެންޓީނާ އެއް ގޯލުން ފަހަތުގައި އޮތުމުން އަހަރެމެން ތިބީ ވަރަށް ކަންބޮޑުވެފަ. އެކަމަކު އެންޒޯ ފެނާންޑޭޒް ލަނޑު ޖަހާ އެއްވަރުކުރުމުން އުފަލުން ގޮސް ރޫހު ކައްކުވާލި. ފޭސްބުކް ޕޭޖަށް ވީޑިއޯ ރެކޯޑުކުރަން ޖެހޭ މަތިން ވެސް މުޅިން ހަނދާންނެތުނު،" ބަންގްލަދޭޝްގެ ޔުނިވަސިޓީގައި ކިޔަވަމުންދާ ދަރިވަރު ކިބްރިއާ ރާފީ ބުންޏެވެ.
ބަންގްލަދޭޝްގައި އާޖެންޓީނާގެ އިތުރުން ބްރެޒިލަށް ސަޕޯޓުކުރާ މީހުން ވެސް ގިނަ އެވެ. އާޖެންޓީނާ އާއި ބްރެޒިލަކީ ފުޓްބޯޅައިގައި ވާދަވެރިކަން ބޮޑު ދެ ގައުމެވެ. މި ވާދަވެރިކަން ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ގުރޫޕްތަކުގެ މެދުގައި ވެސް އުފެދެ އެވެ. ބައެއް ފަހަރު މާރާމާރީ ހިންގައި ބޮޑު ހަމަނުޖެހުމަކަށް ވެސް ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައި ބަދަލުވެގެން ދެ އެވެ.
މުޅި ގައުމު އޮންނަނީ ފުޓްބޯޅައިގެ އީދެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ