ކަރަންޓުގައި ޖެހި މަރުވީ ކަރަންޓު ކޭބަލެއް ވަގަށް ނަގަން އުޅެނިކޮށް: ފުލުހުން
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއަކުން މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ކަރަންޓު ކޭބަލެއް ނަގަން އުޅެނިކޮށް ކަރަންޓުގައި ޖެހި މަރުވެފައި އޮތް މީހެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެ މީހާގެ މަރާ ގުޅިގެން ތަހުގީގު ކުރުމަށް ފަހު ފުލުހުން މިއަދު ބުނީ، އޭނާ މަރުވެފައިވަނީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި, އޭނާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައިހުރި ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އޭނާ ވެއްޓިފައި އޮތްތަނުން ވައްކަން ކުރަން ބޭނުން ކުރަން ގެންގުޅުނު ކަމަށް ބެލެވޭ ފަދަ ބައެއް ތަކެތި ފެނިފައިވާ ކަމަށް ވެސް ބުންޏެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނުނީ އެ ދުވަހު 13:20 ހާއިރެވެ. ވައްކަން ކުރުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ވެސް ހިނގައިފައިވެއެވެ. އެގޮތުން މީގެ ކުރިން ބެލްކަންޏަކުން ފުންމާލަން އުޅުމުގެ ތެރޭގައި ބެލްކަނީގެ ކޮންކްރީޓުގަނޑާއެކު މީހަކު ވެއްޓި އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ