އިނގިރޭސިވިލާތުގެ ޒުވާނުންގެ މެދުގައި ދޫނި ބެލުމުގެ ޝައުގުވެރިކަން އިތުރުވެއްޖެ

އިނގިރޭސިވިލާތުގައި ދޫނި ބެލުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުންގެ އަދަދު 2018 ވަނަ އަހަރާ އަޅައިބަލާއިރު 1،088 އިންސައްތަ އިތުރުވެފައިވާ ކަމަށް ރޯޔަލް ސޮސައިޓީ ފޯ ދަ ޕްރޮޓެކްޝަން އޮފް ބަރޑްސް (އާރްއެސްޕީބީ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޭ މަހު އާންމުކުރި މި ތަފާސްހިސާބުތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 7 ލައްކައަށް ވުރެ ގިނަ މީހުން މިހާރު އިނގިރޭސިވިލާތުގައި އާންމުކޮށް ދޫނި ބެލުމަށް ނުކުމެއެވެ. މާކެޓް ރިސާޗް ކުންފުންޏެއް ކަމަށްވާ ފިފްޓީ5ބްލޫ އިން 24،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން އަށް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިރާސާއިން ދައްކާ ގޮތުގައި، މި އުމުރުފުރާގެ މީހުންގެ މެދުގައި ދެވަނައަށް އެންމެ ހަލުވިކޮށް މަގުބޫލުވަމުން އަންނަ ހަރަކާތަކީ މިއީއެވެ. މުޅި އިނގިރޭސިވިލާތަށް ބަލާއިރު، ދޫނި ބަލާ މީހުންގެ އަދަދު ވަނީ 47 އިންސައްތަ އިތުރުވެ، 4 މިލިއަނަށް އަރާފައެވެ. މީގެ ތެރޭގައި މިލެނިއަލްސްގެ ނިސްބަތް 216 އިންސައްތަ އިތުރުވެފައިވާއިރު، ޖެން އެކްސްގެ ނިސްބަތް ވަނީ 66 އިންސައްތަ އިތުރުވެފައެވެ.
މި ހަރަކާތް ޒުވާނުންގެ މެދުގައި މަގުބޫލުވުމުގެ އެއް ސަބަބަކީ ޓެކްނޮލޮޖީއާއި މޯބައިލް އެޕްލިކޭޝަންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޯނެލް ޔުނިވާސިޓީގެ ލެބް އޮފް އޯނިތޮލޮޖީން ތަރައްގީކޮށްފައިވާ “މާލިން” އެޕްލިކޭޝަން 2014 ވަނަ އަހަރު ނެރުނު ފަހުން 40 މިލިއަން ފަހަރު ޑައުންލޯޑުކޮށްފައިވާ ކަމަށް އެ ތަނުގެ އެގްޒެކެޓިވް ޑިރެކްޓަރު އިއަން އޮވެންސް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އެމެރިކާގައި މި އެޕް ބޭނުންކުރި މިންވަރު 40 އިންސައްތަ އިތުރުވެފައިވާއިރު، ވިލާތުގެ ގައުމުތަކުގައި ވަނީ 70 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، އެ ތަނުން ހިންގާ “އީބާޑް” ޑޭޓާބޭސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 ބިލިއަން އޮބްޒަވޭޝަން ރެކޯޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޕްލިކޭޝަންތަކުގެ ދައުރު ބޮޑުވި ނަމަވެސް، ޒުވާނުން މި ހަރަކާތަށް ޝައުގުވެރިވާ އަނެއް ސަބަބަކީ ސްކްރީނާ ދުރުވުމަށް ބޭނުންވުން ކަމަށް ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ލީރާ ވެލެންސިއާ ބުނެފައިވެއެވެ. ޒުއޮލޮޖީން ޑިގްރީ ހާސިލުކުރުމަށްފަހު، ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ދޫނި ބެލުމުގެ ތަޖުރިބާ ހުރި ކަމަށް ބުނެ ދޮގެއް ހަދައިގެން މި ދާއިރާއަށް ވަން ލީރާ ބުނި ގޮތުގައި، ސޯޝަލް މީޑިއާއާއި ފޯނުތަކަށް ދެވިހިފާފައިވާ މިންވަރުން ސަލާމަތްވެ، ގުދުރަތީ ވެއްޓާ ގުޅުން ބަދަހިކުރުމަށް ގިނަ ޒުވާނުން މިހާރު ބޭނުންވެއެވެ. ދޫނި ބެލުމަކީ ސިކުނޑިއަށް އަރާމު ލިބި، ވަގުތުގެ ތެރެއަށް ގެއްލިގެން ދިއުމަށް އޮތް ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އާރްއެސްޕީބީގެ ވައިލްޑްލައިފް އެޑްވައިޒަރު ކޭޓީ ނެދަކޯޓް ފާހަގަކުރި ގޮތުގައި، ދޫނި ބެލުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ. އަގުބޮޑު އާލާތްތަކަކާ ނުލައި، އަމިއްލަ ގޭގެ ބެލްކަނީގައި ނުވަތަ ކައިރީގައި އޮންނަ ޕާކަކަށް ގޮސްގެން ވެސް މިކަން ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.
ޒުވާނުންގެ މެދުގައި ދޫނި ބެލުން އާންމުވަމުން އަންނައިރު، ދުނިޔޭގެ ފެންވަރުގައި ދޫނީގެ އާބާދީ ދަނީ ދަށަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން މިދިޔަ އޮކްޓޯބަރު މަހު އާންމުކުރި މައުލޫމާތަށް ބަލާއިރު، ދުނިޔޭގައި އުޅޭ ދޫނީގެ ބާވަތްތަކުގެ ތެރެއިން 61 އިންސައްތަ ބާވަތްތަކުގެ އާބާދީ ދަނީ މަދުވަމުންނެވެ. މިއީ 2016 ވަނަ އަހަރު 44 އިންސައްތައިގައި ހުރި އަދަދެކެވެ. ދަނޑުވެރިކަމާއި ގަސްކެނޑުމުގެ ސަބަބުން ދޫނިތަކުގެ މާހައުލު ގެއްލުމަކީ މީގެ މައިގަނޑު އެއް ސަބަބު ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އިނގިރޭސިވިލާތަށް އެކަނި ބެލި ނަމަވެސް، އާރްއެސްޕީބީން އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ފާއިތުވި 30 އަހަރުގެ ތެރޭގައި 43 ބާވަތެއްގެ ދޫނީގެ އާބާދީ ވަނީ ދަށްވެފައެވެ. މީގެ ތެރޭގައި ވިލޯ ޓިޓްގެ އާބާދީ 92 އިންސައްތަ ދަށްވެފައިވާއިރު، މާޝް ޓިޓްގެ އާބާދީ ވަނީ 53 އިންސައްތަ ދަށްވެފައެވެ. ކޭޓީ ނެދަކޯޓް ބުނި ގޮތުގައި، ޒުވާނުން ދޫނި ބެލުމަށް ޝައުގުވެރިވުމަކީ ތިމާވެއްޓާއި ދޫނިތައް ހިމާޔަތްކުރުމަށް އެ މީހުންގެ ހިތްތަކުގައި ލޯބި އުފެދިގެންދާނެ ކަމެކެވެ. އަދި މިއީ ގުދުރަތީ ވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ