ވީއައިއޭގައި ދަތުރުވެރިން އަރާމުކުރުމަށް ހާއްސަ އާ ޖާގައެއް ހުޅުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރެވޭނެ އަދި އެކި ޚިދުމަތްތައް ފޯރުކޮށްދޭ އާ ސަރަހައްދެއް މި މަހުގެ 25 ވަނަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ. މިއީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލުން މައުލޫމާތު ދެއްވާ ގޮތުގައި، އަލަށް ހުޅުވި މި ޖާގައާއެކު ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ސަރަހައްދެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށެވެ.
އާއިލާތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މި ޖާގައިގައި ކުޑަކުދިންނަށް ހާއްސަ 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ. މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މީގެ އިތުރުން، އެމްއޭސީއެލުން ވަނީ މި ޖާގައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހާއްސަ ކައުންޓަރެއްވެސް ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެމްއޭސީއެލުން ވިދާޅުވީ، "މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް" ކަމަށެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ