މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެ ކަމަށް ސަރުކާރުން އަންގައިފި އެވެ.
އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ މި ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން ދަނިކޮށް ޝޯ ނުބޭއްވޭނެކަން އެންގީ މިއަދުގެ ވަގުތެއްގަ އެވެ. ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވެސް ވިކިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިރޭ އަންނަ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުން އެ ބޭންޑުގެ މެންބަރުން ވެސް އޮސްޓްރޭލިއާއިން ރާއްޖެ އަންނާނެކަން ވެސް ވަނީ އެނގިފަ އެވެ. ޝޯގެ ލޮޖިސްޓިކްސް ކަންކަމަށް ބޮޑު ހަރަދުތަކެއް ކޮށްފައިވާކަން ވަނީ އެނގިފަ އެވެ.
"ބިޔޯން އަގެއިން" ގެ ކުރިން އޯޕެނިން އެކްޓުތަކުގެ ގޮތުގައި ދިވެހި އާޓިސްޓުންގެ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދަން އޮތީ ނިންމާފަ އެވެ. ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް ޝޯ އިންތިޒާމުކުރާ ފަރާތުގެ ބަހެއް ލިބިފައެއް ނުވެ އެވެ. ސަރުކާރުން ޝޯ ކެންސަލް ކުރަން އެންގީ ކީއްވެކަމެސް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ.
ސޯޝަލް ސެންޓަރުގައި ބާއްވަން އުޅުނު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެކަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ