އެންމެ ބޮޑު ބިރަކީ ފުލުހުންގެ މުއައްސަސާތެރޭގައި ތިބި ދުޝްމަނުން

އިކުއެޑޯރުގެ ދުރާން ސިޓީއަކީ މަސްތުވާތަކެއްޗާއި ވާދަވެރި ގޭންގުތަކުގެ ނުފޫޒު އިންތިހާއަށް އޮތް ސަހަރެކެވެ. ދުރާން ސަހަރުގައި ތިބެނީ ހަމައެކަނި ވާދަވެރިން މަރައި، ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިކުރާ ކުށްވެރިންނެއް ނޫނެވެ. ދުރާންގައި އޮތް އެންމެ ބޮޑު އެއް ބިރަކީ ފުލުހުންގެ މުއައްސަސާގެ އެތެރޭގައި ތިބި "ދުޝްމަނުން"ނެވެ.
ދުރާން ސަހަރުގެ ޕޮލިސް ކެޕްޓަން ޖީން ކާލޯސް ބުސްޓަމަންޓޭއަށް އޭނާ ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގެއެވެ. "އަހަރެމެންގެ ޔުނިޓުގެ ތެރޭގައާއި، ދައުލަތުގެ ތެރޭގައާއި، ސިޔާސީ ދާއިރާގައި ވަރަށް ގިނަ ގޯސް މީހުން އެބަތިބި،" ކަމަށާއި "ގޭންގުތަކުން ފައިސާދީގެން ގަނެފައިވާ ކޮރަޕްޓް މީހުން ވަރަށް ގިނަ." ކަމަށް  ޕޮލިސް ކެޕްޓަން ޖީން ކާލޯސް ބުސްޓަމަންޓޭ ވިދާޅުވެއެވެ.
ކެޕްޓަން ބުސްޓަމަންޓޭ ވިދާޅުވާ ގޮތުގައި އޭނާއަށް އިތުބާރު ކުރެވެނީ ހަމައެކަނި އޭނާއާއެކު ސީދާ މަސައްކަތްކުރާ، އޭނާ އަމިއްލައަށް ހޮވާފައިވާ ޓީމުގެ މެންބަރުންނަށް އެކަންޏެވެ. އުމުރުން 34 އަހަރުގެ ކެޕްޓަން ބުސްޓަމަންޓޭއަކީ ކުރީގެ ސްޕެޝަލް ފޯސަސްގެ އޮފިސަރެކެވެ. ދުރާންގައި ހަލުވިކަމާއެކު ހަރަކާތްތެރިވާ، ޕޮލިސް ޓީމުގެ އެންމެ ދޮށީ މީހާއެވެ.
އިރުއޮއްސެމުން ދިޔަ ވަގުތު ކެޕްޓަން ބުސްޓަމަންޓޭ އޭނާގެ ޓީމާއެކު ވަދެގެން ދިޔައީ ކުށްކުރުން އާންމުވެފައިވާ ސަރަހައްދަކަށެވެ. އެ ސަރަހައްދުގެ ގޭގޭގެ ކުޑަދޮރުތައް ހުރީ ދަގަނޑު ތޭރިތަކުން ބަންދުކޮށްފައެވެ. އަދި އެތަނުގެ ރައްޔިތުން ތިބީ ބިރުން ހަނުހިމޭނުންނެވެ. ސަރަހައްދަކީ "ލޮސް އަގުއިލަސް" (އީގަލްސް) ނަމަކަށް ކިޔާ ގޭންގަކުން ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ.
ގޭންގެއް: ރޯމާދުވާލު ހަތިޔާރާއެކު އަވަށުތެރޭގައި
ގޭންގުތަކާ ދެކޮޅަށް އާންމުން ވާހަކަ ދައްކައިފިނަމަ "އެމީހުން މަރާލާނެ، އެހެންވެ އެއްވެސް މީހަކު އެއްޗެކޭ ނުބުނަނީ،" ކަމަށް ކެޕްޓަން ބުސްޓަމަންޓޭ ވިދާޅުވެއެވެ. 
ކެޕްޓަން ބުސްޓަމަންޓޭ ޓީމުގެ މިސްރާބު ހުރީ ހަތިޔާރު ފޮރުވާފައި ހުރި ކަމަށް ބެލެވޭ ފަޅު ގެއަކަށެވެ. އާންމުކޮށް ގޭންގުތަކުގެ މީހުން ހަތިޔާރު ބަހައްޓަނީ އެމީހުން ދިރިއުޅޭ ގެތަކަކު ނޫނެވެ. ފުލުހުން ބާރުގެ ބޭނުންކޮށްގެން އެގެއަށް ވަދެ ބަލައި ފާސްކުރިއިރު، ދެ ފިސްތޯލައާއި ރައިފަލް އުންޑަތަކެއް ފެނުނެވެ. މިއީ ކާމިޔާބީއެއް ކަމުގައި ކެޕްޓަން ދެކެއެވެ. ސަބަބަކީ ގޭންގުތަކުގެ އަތުން ދެ ހަތިޔާރު މަދުވުމެވެ. ނަމަވެސް މިއީ ގޭންގުތަކުގެ މުއްސަނދިކަމާއި ހަތިޔާރުގެ ކުރިމަތީގައި ވަރަށް ކުޑަ މިންވަރެކެވެ.
ނުރައްކާތެރި މި ހަނގުރާމައިގައި ކެޕްޓަން ބުސްޓަމަންޓޭގެ ގާތް ތިން އެކުވެރި ފުލުހުން ވަނީ މަރުވެފައެވެ. ކެޕްޓަން ބުސްޓަމަންޓޭ ވިދާޅުވާ ގޮތުގައި އޭނާގެ ހިތުން ބިރުވެރިކަން ފިލައިދިޔަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ކެޕްޓަން ބުސްޓަމަންޓޭގެ މައިންބަފައިން ތިބީ އަބަދުވެސް އޭނާއަށް ދެރަގޮތެއް ވެދާނެތީ ބިރުންނެވެ.
އިކުއެޑޯރުގެ ރައީސް ޑެނިއަލް ނޮބޯއާ ވިދާޅުވާ ގޮތުގައި ޔޫރަޕާއި އެމެރިކާއަށް އެތެރެވާ ކޮކެއިންގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އިކުއެޑޯރުގެ ތެރެއިން ދަތުރުކުރާ ތަކެއްޗެވެ. މި ތަކެތި އެތެރެވަނީ އަވަށްޓެރި ކޮލަމްބިއާއާއި ޕެރޫއިންނެވެ. މެކްސިކޯގެ ކާޓެލްތަކާއި އަލްބޭނިއާގެ މާފިއާ ގްރޫޕްތަކާ ގުޅުން އޮންނަ އިކުއެޑޯރުގެ ގޭންގުތަކުން މި ވިޔަފާރީގައި އިސް ދައުރެއް އަދާކުރެއެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން އަމާން، ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އޮތް އިކުއެޑޯރު މިއަދު ވަނީ މީހުން މެރުން އާންމުވެފައިވާ ބިރުވެރި ތަނަކަށް ބަދަލުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް 9200 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. ދުނިޔޭގެ ނިސްބަތުން މިއީ އެންމެ މަތީ އަދަދުތަކުގެ ތެރޭގައި ހިމެނޭ މިންވަރެކެވެ.
ރައީސް ނޮބޯއާގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބައެއް ގޭންގު ލީޑަރުން ހައްޔަރުކުރެވެއެވެ. އެހެންނަމަވެސް، އޭގެ ސަބަބުން ގޭންގުތައް ބައިބައިވެ، ކުދި ގިނަ ގްރޫޕްތަކަށް ބަދަލުވެއެވެ. ކުދި ގްރޫޕްތައް ގިނަވުމުން ނުރައްކާ އިތުރުވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި އޮތް ކޮރަޕްޝަނަކީ ފުލުހުންގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހެވެ. ދުރާން ފުލުހުންގެ ޑެޕިއުޓީ ކޮމާންޑަރު ކާނަލް ސަންޓިއާގޯ ގަވިލާނޭޒް ވިދާޅުވި ގޮތުގައި، ފުލުހުން ހައްޔަރުކުރާ ގޭންގު މެންބަރުން ކޯޓުތަކުންނާއި ޕްރޮސެކިއުޓަރުންގެ އޮފީހުން ދޫކޮށްލަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. "އެމީހުންގެ އަތުގައި ގާނޫނާއި، ފަނޑިޔާރުންނާއި، ސިޔާސީ މީހުން ގަންނާނެ ފައިސާ އެބަހުރި،" ކަމަށް  ދުރާން ފުލުހުންގެ ޑެޕިއުޓީ ކޮމާންޑަރު ވިދާޅުވިއެވެ.
ހުރިހާ ގޮންޖެހުންތަކާއެކުވެސް، ކެޕްޓަން ބުސްޓަމަންޓޭ ހުރީ އުންމީދު ކަނޑާލާ ގޮތަކަށް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ހަނގުރާމަ ކާމިޔާބު ކުރެވޭނެއެވެ. ދުރާންގައި މީހުން މެރުމުގެ ރޭޓު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދެބައިކުޅަ އެއްބަޔަށް ދަށްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނެއްކޮޅުން، ގޭންގުތަކުގެ ނުފޫޒު އޮތް މިންވަރު ހާމަވަނީ އެމީހުން ފުލުހުންނަށް ރިޝްވަތު ދީގެން މައުލޫމާތު ހޯދާ ގޮތުންނެވެ. އެއް ގޭންގު ލީޑަރަކު ބުނި ގޮތުގައި އޭނާ މަހަކު 1500 އާއި 2000 ޑޮލަރާ ދެމެދުގެ އަދަދެއް ގުޅިފައިތިބ ވަކިވަކި ފުލުހުންނަށް ދެއެވެ. އެހެންކަމުން ފުލުހުންގެ ރޭޑްތައް ފެށުމުގެކުރިން ގޭންގަށް މައުލޫމާތު ލިބެއެވެ.
ބިރުވެރި މި މާހައުލުގައި އާންމު ރައްޔިތުން ދިރިއުޅެމުންދަނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. މަގުމަތިންދާ ކޮންމެ މީހަކީވެސް ގޭންގުތަކުގެ ފާރަވެރިއަކަށް ވެދާނެއެވެ. މި ހަނގުރާމައަކީ ނިމުމެއް ނެތް، އަދި ކާމިޔާބު ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދުށް ނަމަވެސް، ބުސްޓަމަންޓޭ ފަދަ އޮފިސަރުން ދަނީ ފުރާނަ އަތްމައްޗަށް ލައިގެން ގައުމުގެ ހައްގުގައި މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ