ކުނި ބަލައިގަންނަ މިންވަރު މަދުކުރުމުން މާލެ ގޮނޑުވުމުގެ ޝަކުވާތައް ވެމްކޯއަށް
ކ. ތިލަފުށީގައި ހުންނަ ކުނި މެނޭޖު ކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު ވެމްކޯއިން މަދުކުރުމުން، މާލެ ސަރަހައްދުގައި ކުނި ގިނަވެފައިވާކަމުގެ ޝަކުވާތައް މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް މިއަދު ހުށަހަޅައިފިއެވެ. ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަ؛ލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގައެވެ. އެ އަލިފާންގަޑު ނިއްވާލެވިފައިވަނީ އެ ރޭ ފަތިހެވެ. އެ ހާދިސާއާ ގުޅިގެން މިދިޔަ ބުދަ ދުވަހު ވެމްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާކަމަށެވެ. އޭގެ ސަބަބުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. https://x.com/MaleCitymv/status/2082062520760897979 މާލޭ ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި އޭގެ ފަހުން، މާލޭގެ މަގުތަކާއި މައިޒާންތަކުގައި ދަނީ ކުނި ގިނަވަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެ ކައުންސިލުން މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ކައުންސިލަރުން ވެމްކޯއަށް ގޮސް، ކުންފުނީގެ އެޗް އާރު ޖެނެރަލް މެނޭޖަރު މުޙައްމަދު ޝާންއާ ވަނީ ބައްދަލުކޮށްފައެވެ. ކައުންސިލުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ޝާން ވަނީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ. ކައުންސިލަރުން، ވެމްކޯގައި: މާލެ ސަރަހައްދުގައި ކުނި ގިނަވާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ކައުންސިލަރުން ވަނީ ވެމްކޯގައި އެދިފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް މީގެ އިތުރުން މި ހަފުތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ކައުންސިލުން ވަނީ މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ސިއްހީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. އަދި ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. މާލެ ސަރަހައްދުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން އުޅޭއިރު، މި ސަރަހައްދުން ކޮންމެ ދުވަހަކު ވެސް އެތައް ޓަނެއްގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. އެގޮތުން 2022ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުވާލަކަށް 1،200 ޓަނުގެ ކުނި މާލެ ސަރަހައްދުން ތިލަފުއްޓަށް ގެންދެއެވެ. މާލެ ސިޓީގެ މަގުތަކުގައި ކުނި ކަހައި، ސާފުތާހިރުކޮށް ބޭއްވުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށްވާއިރު، ގަވައިދާ ޚިލާފަށް މަގުމައްޗަށް ކުނި އަޅާ މައްސަލަ ބޮޑުކަން މީގެ ކުރިން ވެސް އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެގޮތަށް ކުނި ބަހައްޓާ މީހުން ހޯދުމުގެ މަސައްކަތް ވެސް، އާންމުންގެ އެހީތެރިކަމާއެކު ކައުންސިލުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ