ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައަޅާ އިސްލާހަށް ތާޢީދުކޮށްދިނުމަށް ގާސިމް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް ތާޢީދުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ޤާނޫން އަސާސީއަށް ހުށައަޅާފައިވާ އިސްލާޙަށް ތާޢީދުކުރައްވާކަން ގާސިމް ހާމަކުރައްވާފައިވަނީ އެމަނިކްފާނު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޖުންހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރުންނަށް ފޮނުއްވި އެސްއެމްއެސްއެއްގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާކަމަށާއި އެމަނިކްފާނުގެ ނާއިބްކަމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކޮށްދިނުމަށް އެދި އެޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ކިބައިން އެދޭކަމަށް އެމަނިކްފާނު ފޮނުއްވި އެސްއެމްއެސްގައި ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ގާސިމް އިބްރާހިމް އެ އިސްލާޙަށް ތާޢީދުކުރައްވާކަމަށާ އަދި އެ އިސްލާޙަށް ތާޢީދުކޮށް ދިނުމަށް އެދި މެންބަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އަދި ފޯނުންގުޅުއްވާވެސް އެދިވަޑައިގެންނެވިކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ނަމަ އެކަމަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ. އެއީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ފަސްދޮޅަސް ހަތަރު މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށައެޅި އިސްލާޙް މަޖިލީހަށް ވަނީ ބަލައިގެންފައެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ހަގު އުމުރަކީ 35 އަހަރެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލާ ބޭފުޅެއްގެ އެންމެ ދޮށީ އުމުރެއް ގާނޫނުއަސާސީގައި ބުނެފައެއް ނުވެއެވެ.
މި އަހަރުގެ ކުރީކޮޅުގައިވެސް މެމްބަރު އިސްމާއީލް ވަނީ އުމުރުން 65 އަހަރުވެފައިވާ މީހުންނަށް ރައީސްކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ނަމަވެސް މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހު އޭނާ އެ އިސްލާހު އަނބުރާ ގެންދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ