ހުޅަނގު އައްސޭރީގައި މިއަދުވެސް ފަލަސްތީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.
ފުރަތަމަ ހާދިސާގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެފައިވަނީ އުމުރުން 21 އަހަރުގެ ޔަހްޔާ ޠާހާ ނަމަކަށްކިޔާ ޒުވާނެކެވެ. އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ އޭނާގެ ބޮލަށް ކަމަށާއި، އޭނާ މަރުވެފައިވަނީ ރާމަﷲ ގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
މިހާދިސާ ހިނގާފައިވަނީ، ފަލަސްތީނުގެ އަވަށެއް ކަމަށްވާ ގައްތާނާއަށް ގޮވާތަކެތި ހޯދުމުގެ ނަމުގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަދެގަތުމާ ގުޅިގެން ހިނގި ކުރިމަތިލުންތަކުގައެވެ. ފަލަސްތީނުގެ ޒުވާނުންވަނީ އިސްރާއީލު ސިފައިންނަށް އަލިފާން ބޮމުންނާއި އޮށްގަލުން ހަމަލާދީފައެވެ.
މީގެއިތުރުން، ހުޅަނގު އައްސޭރީގެ ނާބުލުސްގައި ވަޅިއެއް ހިފައިގެން ހުރި ކަމަށްބުނެ އިސްރާއީލު ސިފައިންވަނީ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ. ޝަހީދު ކޮށްލާފައިވަނީ އުމުރުން 51 އަހަރުގެ ސާމިރު ސެރިސް ނަމަކަށްކިޔާ މީހެއް ކަމަށް ފަލަސްތީނުން ބުނެއެވެ. ޓެކްސީއަކުން ފައިބައި ވަޅިއެއް ހިފައިގެން އިސްރާއީލު ސިފައިންގެ ޕޯސްޓަކާ ދިމާއަށް އޭނާ ދުއްވައިގަތުމުން ބަޑިޖެހީކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ލޭއޮހޮރުވުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 97 މީހުން ޝަހީދު ކޮށްލާފައިވެއެވެ. މީގެ ތެރެއިން 58 މީހުންނަކީ އިސްރާއީލުން މިހާރު ފަށާފައިވާ "ވަޅިއެއް ހިފައިގެން ހުރުމުން ހަމަލާދޭ" ސިޔާސަތުގެ ދަށުން ބަޑިޖަހާ ޝަހީދު ކޮށްލާފައިވާ މީހުންނެވެ. ފަލަސްތީނުގެ އެހެން މީހުން ޝަހީދު ވެފައިވަނީ އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އުދުވާނީ ހަމަލާތަކުގައެވެ.
އިސްރާއީލު ސިފައިންނަށް އެންމެބޮޑު ދެކޮޅުވެރިކަމެއް އަދި އެންމެ ގެއްލުންބޮޑު ހަމަލާތައް ދެވެމުންދަނީ ހުޅަނގު އައްސޭރީގެ ހަބްރޫނުންނެވެ. މިކަމާހެދި، ހަބްރޫންގައި ޔަހޫދީންގެ އާބާދީތައް ހަދާފައިވާ ސަރަހައްދާއި ފަލަސްތީނު ވަކިކުރުމަށް ފެންސެއް ޖެހުމަށް އިސްރާއީލުގެ ދިފާއީ ވުޒާރާއިން ނިންމައި މިއަދުވަނީ އެކަން އިޢްލާން ކޮށްފައެވެ. މީގެ ބޭނުމަކީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ފަލަސްތީނު މީހުން ވަނަނުދިނުމެވެ.
އަނެއްކޮޅުން، ނާބުލުސްގައި އާންމު ބަހުގެ ޚިދުމަތްދޭ އަލް ތަމީމީ ކުންފުނީގެ 8 ބަސް އިސްރާއީލު ސިފައިން ހިފަހައްޓައި، އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފަލަސްތީނުން ބުނެފައި ވެއެވެ. އިސްރާއީލު ސިފައިން ހިފެހެއްޓި ބަސްތަކުގެ ޑްރައިވަރުން ބުނެފައިވަނީ، ބަސްތައް ހިފެހެއްޓީ، އިސްރާއީލު ސިފައިން ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓްތަކަށް ފަލަސްތީނުގެ އެކި ހިސާބުތަކުން މުޒާހަރާކުރަން މީހުން އެއްކުރާ ކަމަށް ތުހުމަތުކޮށް ކަމަށެވެ.
މިއަދުވެސް ފަލަސްތީނުގެ ދެމީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ