ވައިކަރަދޫ ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތައް ރައީސް ވަހީދަށް!
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު އިއްޒަތްތެރި މެމްބަރު ޢަލީ އާރިފް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެއާޕޯޓް ތަކުން ރާއްޖޭން ބޭރުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވައި ކުރިއަށް ރިޔާސީ އިންތިހާބަށް ކެންޕޭން ކުރެއްވުން ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރާކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ވަހީދު ފުރައްސާރަ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރައީސް ވަހީދު ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތުހުމަތު ކުރައްވާ އަލީ އާރިފް ވިދާޅުވީ، “މިހާރުގެ ސަރުކާރުން ހަމައެކަނި ކުރާހާ ކަމަކީ މި މަޖިލީހަށް ފުރައްސާރަ ކުރުމާއި އަމިއްލަފުޅު ކެންޕޭން ކުރެއްވުމާއި އަމިއްލަފުޅު ކެންޕޭން ކުރެއްވުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުން. އަދި ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރާ” ކަމަށެވެ.މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ކޯޓުން ނެކްސްބިޒްގެ މައްސަލަ ކުރިއަށް ނުގެންދަން އަންގާފައި ވަނިކޮށް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގެ އަޑީގައި ތިއްބެވީ ރައީސް ވަހީދަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް އަލީ އާރިފް ވަނީ ތުހުމަތު ކުރައްވާފައެވެ.އޭނާ އިތުރަށް ވިދާޅުވީ ރައީސް ވަހީދު މިހާރު ރާއްޖެގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެކި ރައްރަށުގެ ބަނދަރާއި އަދި އެނޫން ވެސް ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް ރައީސް ވަހީދު ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްހީ ހިދުމަތާއި ތަޢުލީމާއި އެނޫން ވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތް ތަކަކީ ކޮންމެ މީހަކު ވެރިކަމުގައި ހުންނެވި ނަމަވެސް ކޮށް ދޭން ޖެހޭނެ ކަންތައްތައް ކަމަށާއި ރައްޔިތުންނަށް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭނަމަ އެވަގުތު ވެރިކަމުގައި ހުންނެވި ބޭފުޅަކު ދުރަށް ވަޑައިގަތުން ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.“އަޅުގަނޑުމެން މެންބަރުންނަކީ ތަފާތު އެކި ދާއިރާތައް ތަމްސީލް ކުރާ މެންބަރުން ކަމުގައި ވިޔަސް އަޅުގަނޑުމެން ވަކާލާތު ކުރަނީ ހުރިހައި ދިވެހިރައްޔިތުންގެ ހައްގުގައި. އަޅުގަނޑުމެން މިދަންނަވަނީ ސްކޫލްތަކަށް ނުވެ ހުރި ކަންތައްތައް ކޮށްދޭށޭ. ސިއްހީ ދާއިރާގެ ނުވެހުރި ކަންތައްތައް ކޮށްދޭށޭ. ދަތުރުފަތުރު ނިޒާމް ފުރިހަމަ ގޮތުގައި ގާއިމް ކޮށްދޭށޭ. ނުވެފަހުރި ކަމެއް ވެއްޖިއްޔާ ކޮށްދޭށޭ. އޭގެ ފަހުގަ ތިމަންނަ އެވެނި ކަމެއް މިވެނި ކަމެއް ކޮށްދޭނަމޭ ބުނާނީ. އެހެން ވީމަ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ކޮންމެ ވެރިއަކު ހުއްޓަސް ފުއްދައި ދެއްވަން ޖެހޭނެ ފުއްދައި ނުދެއްވޭ ކަމަށް ވާ ނަމަ އެބޭފުޅަކު ދުރަށް ވަޑަައިގަންނަވަން ޖެހޭނީ” އަލީ އާރިފް ވިދާޅުވި އެވެ.އިއްޔެގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ އިތުރު ބައެއް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ