ބޭރުން އެހީ ހޯދާ ވަރަށް ދާހިލީ ކަންކަމެއް ނުދޭ: އިލްހާމް

ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދާ ފަދަ ހާލަތަކަށް ކަންކަން ގޮސްފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން ރޭ ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވީ ރާއްޖޭގައި ސީރިއަސް މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަމަކު ބޭރު މީހުން އައިސް ރާއްޖޭގެ ދާހިލީ ކަންކަން ހައްލުކުރާ ހިސާބަށް އަދި ކަންކަން ނުދާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުން މިއަދު އިންޑިޔާއާއިމެދު އޮތް ހިތްހަމަނުޖެހުން ހައްލު ކޮށްދިނުމަށް އިންޑިޔާ ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
ރޭގެ ޖލްސާގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ދުނިޔޭގެ ތާރީހުގައި ވޯޓުލާން ފެށީއްސުރެ ވޯޓު އޮލުވާލުމުގެ މާޒީއެއް އޮންނަ ކަމަށާއި ރާއްޖޭގައިވެސް ޒަމާނުއްސުރެ އެކަން ހިނގަމުންދާ ކަމަށެވެ. ނަމަވެސް މިފަހަރު ރާއްޖޭގައި ހިގައިގެން އުޅެނީ، ނުބައި ރޭވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޑރ. މުހައްމަދު ސައުދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގަކީ ދިވެހި ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގަވާ ބޭފުޅެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސައުދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާއި ގުޅިގެން ޖުމުހޫރީ ގުޅުމުން ހުށަހަޅާފައިވާ މައްސަލައިގައި އިންތިޚާބު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް ތަބާ ނުވުމަށް ފުއާދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ