ރާއްޖޭގެ ޖުޑީޝަރީ މަސައްކަތް ކުރަމުން ގެންދަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުކަން ކަށަވަރުވެގެން ދިއުމަކީ ޑިމޮކްރަސީއަށް ދިވެހި ކުރަމުން ގެންދާ ދަތުރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޖުމްހޫރީ ގުޅުމުގެ ކެންޕެއިން ސްޓިއަރިން ކޮމެޓީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ ހައްގަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށެވެ. އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމުން ކޯޓް މަރުހަލާއަށް ދާންޖެހުނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުމުން ކަމަށާ ކޮމިޝަނުން އަމަލު ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާނީ ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ ވަރަށް ބޮޑަށް ބަލާފައޭ. ސުޕްރީމް ކޯޓުގެ މި އަމުރަކީ ޑިމޮކްރަސީއަށް ކުރެވުނު ވަރަށް ބޮޑު ޓެސްޓެއް." ޖުމްހޫރީ ގުޅުމުގެ އިސްވެރިންނާއިއެކު މިރޭ ކުރިއަށް ގެންދެވުނު ފަސްމަންޒަރު ޕަރްގާމްގައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް މިހާތަނަށް ޔަގީންކުރެވިފައިވާ 40000 ވުރެ ގިނަ ކޭސް ފާހަގަކުރެވިފައިވާ ކަމަށާ އެކަމާ ކޮމިޝަނަށް ދެކޮޅު ނުހެދޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޝަރީއަތުގެ މަޖިލީހުގައި ވެސް އިންތިޚާބު އޮޅުވާލާފައިނުވާނެ ކަމަށް ސާބިތުކޮށްދީފައި ނުވާ ކަމަށާ މިއީ މިފަދަ އަމުރެއް ނުކުންނަން ޖެހުނު މައިގަނޑު ސަބަބުކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރޭގެ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ރާއްޖޭގައި ބޭއްވޭނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެން ގޮސްފައިވާ ކަމަށެވެ
އިމްރާން ވިދާޅުވީ ސުޕްރީމް ކޯޓުން މިރޭ ނިންމާފައިވަނީ ނިންމުމަކީ ދިވެހިންގެ ދުސްތޫރީ ހަޔާތުގައި ނިންމުނު ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބަކާއި ގުޅިގެން ވޯޓް އޮޅުވާލާ ކަމަށް ކުރަމުން ގެންދާ ތުހުމަތުތަކަށް ނިމުމެއް ގެނެސް ރާއްޖޭގައި ކުރިއަށް އޮތްތާ ބޭއްވޭ ކޮންމެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަން ލިބިގެން ހިނގައްޖެކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ގަދަބާރުން ކަންތައްތައް ކުރި ދުވަސް މާޒީގެ ހިނގައްޖެ ކަމަށާ ގާނޫން އަސާސީއާއި އެއްގޮތަށް ކޯޓްތަކުގެ ނިންމުންތަކަކީ އެންމެ ފަހު ބަސްކަމަށް ގަބޫލް ކުރަންޖެހޭ ކަމަށެވެ. އަދި ޖުމްހޫރީ ގުޅުމުން މަސައްކަތް ފެށީ ވަރަށް މަތިވެރި މަގުސަދެއްގައި ކަމަށާ ޖުމްހޫރީ ގުޅުމުގެ މިސްރާބާއި މަގުސަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުވެއްޖެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ