އީސީގައި ހުންނަ މައުލޫމާތު ލީކުވުމާއި އީފާސް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ޕީއެންއެފްއިން އީސީއާ ހިއްސާކޮށްފި

ޕާޓީއަށް މީހުން ވެއްދުމުގައި ހުރި ދަތިތަކާއި އިލެކްޝަންސް ކޮމިޝަނުގައި ހުންނަ ޕާޓީތަކުގެ މައުލޫމާތު ލީކުވާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އީސީ އާ ހިއްސާކޮށްފި އެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޕާޓީއަށް މެންބަޝިޕު އިތުރުކުރެވެން އޮންނަ ހަމައެކަނި ގޮތަކީ އީފާސް މެދުވެރިކޮށް ކަމަށް ވާތީ، އުމުރުން ދުވަސްވީ މީހުންނަށް އެކަމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ.
އެގޮތުން، ގިނަ މީހުން އީފާސް ބޭނުން ނުކުރުމާއި ބޭނުންކުރާ މީހުންގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން އީފާސްގެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދިޔުމުގައި ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދެން އެކަން ވަރަށް އުނދަގޫ ގޮތްތަކަކަށް އެކަން މިއޮތީ، ދެން އަޅުގަނޑުމެންގެ ބައެއް ރިކޮމެންޑޭޝަންތަކަކީ އީސީ އާއި ހޯމް މިނިސްޓްރީ އާއި އެލްޖީއޭއާ ގުޅިގެން އެޓްލީސްޓް އަތޮޅުތެރޭގައި ނިޒާމެއް ގާއިމުކުރަންވީނުންހެއްޔޭ އުމުރުން ދުވަސްވީ ބޭފުޅުންނާއި އެކި އެކި ބޭފުޅުންނަށް ގޮސްފައި ފޮޓޯ ވެރިފިކޭޝަން ހެދޭގޮތަށް އެކަމަށް ބޭނުންވާ އިންތިޒާމު ހަމަޖައްސައިދޭން،" މަލީހު ވިދާޅުވި އެވެ.
އޭގެ އިތުރުން، އީސީގައި ހުންނަ ޕާޓީތަކުގެ މައުލޫމާތު ލީކުވާ މައްސަލައިގައި ވެސް އެ ކޮމިޝަނާ ކަންބޮޑުވުން ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، އެކަމުގައި ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އީސީގެ މެންބަރުން ދެއްވި ކަމަށް މަލީހު ވިދާޅުވި އެވެ. އަދި، ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ކަންކަން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވި ކަމަށް މަލީހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ