މާލެ ސަރަޙައްދުގައި ހުކުރުކުރާ ޒުވާން ޚަޠީބުންނާ ބައްދަލުކުރައްވައި، އެކުދިންގެ ޢިލްމީ ފެންވަރު މަތިކުރުމާއި ދީނީ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކުރިއަށް އޮތް ޒުވާން ޚަޠީބުންގެ ޤައުމީ ކޮންފަރެންސާ ގުޅޭގޮތުންނާއި، ދީނީ ޢިލްމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިސްލާމީ ލީޑަރޝިޕް ވަރުގަދަކޮށް، މުސްތަޤުބަލުގައި ދީނީ ޢިލްމުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ ޒުވާން ޖީލެއް ބިނާކުރުމެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އިސްލާމީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ޒުވާން ޚަޠީބުންނަށް ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޔުނިވަރސިޓީތަކާ ގުޅިގެން، ތަފާތު ދީނީ ރޮނގުތަކުން ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމަށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ޚަޠީބުންގެ ގޮތުގައި މަސައްކަތްކުރާ ޒުވާނުންނަށް، ޚުޠުބާ ކިޔުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުކަން ކުރުމުގެ ދާއިމީ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. މިއީ ޒުވާން ޚަޠީބުން ދީނީ ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، މިސްކިތްތަކުގެ އިމާމުކަމުގެ މަޤާމަށް ޒުވާނުން ވެއްދުމަށް އެކުލަވައިލެވޭ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ސަރުކާރުގެ މި އިސްނެގުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ޚިދުމަތްތައް ހަރުދަނާކޮށް، ފެންވަރު ހުރި ޢިލްމީ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، ޒުވާން ޚަޠީބުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
ޒުވާން ޚަޠީބުންގެ ޢިލްމީ ފެންވަރު މަތިކޮށް، ދީނީ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ