ޑރ އަފްރާޝިމް އަލީގެ، މަރުގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ ކުރިއެރުންތައް ހާމަކުރާނީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ފަހުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އޮންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ކޮމިޝަނާ ވިދާޅުވީ ތަހުގީގުގެ މައުލޫމާތު ހާމަ ކުރައްވާނީ ޑިސެމްބަރު ދެވަނަ ދުވަހުގެ ފަހުން ކަމަށެވެ. މިކަން ހާމަކޮށް ރޭގެ ވަގުތެއްގައި ކޮމިޝަނާ ރިޔާޒު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވެސް ވިދާޅުވެފައިވަނީ އަފްރާޝީމް މަރުގެ ތަހުގީގަށް ލިބިފައިހުރި މައުލޫމާތު އާއްމުކުރާނީ އެ ދާއިރާގެ ބައި އިލެކްޝަނަށް ފަހު ކަމަށެވެ. ވަކި ސަބަބެއް ކޮމިޝަނަރ ރިޔާޒު ހާމަކޮށްފައި ނުވާއިރު، ހަމައެކަނި އެ ޓްވީޓްގައި ވިދާޅުވެފައިވަނީ، މި މައްސަލައާ ގުޅިގެން ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސް ޑިސެމްބަރު ދެއެއްގެ ކުރިން ނުބާއްވާނެ ކަމަށެވެ.
ރިޔާޒް މިހެން ވިދާޅިވެފައިވާއިރު އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ "ސިޔާސީ ބޯޅަ" އަކަށް ރައީސް ވަހީދުގެ ސަރުކާރުން ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެމްޑީޕީގެ އުތުރު ދަތުރުގައި ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ތަފުސީލް ހާމަކުރަން އެންމެ މުނާސަބު ވަގުތަކީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ވޯޓަށް ނުފޫޒު ފޯރުވައި، ޕީޕީއެމްއަށް އެ ދާއިރާގެ ގޮނޑި ކާމިޔާކޮށް ދިނުން ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ.
ނަޝީދުގެ މިގޮތަށް ވާހަކަފުޅު ދެއްކެވިއިރު ރައީސް ވަހީދު ވަނީ އުނގޫފާރަށް ވަޑައިގެން އަފްރާޝީމްގެ މަރުގެ ތަހުގީގުގައި ވަރަށް ބޮޑު ކުރިއެރުމެއް ފުލުހުން ހޯދާފައިވާ ކަމަށާއި އެ ތަފުސީލުތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅު ދެ ފަހަރެއްގެ މަތިން ވަނީ ތަހުގީގުގެ ތަފުސީލުތައް ހަމަ ކުރުން ލަސް ނުވާނެ ކަމަށައި އެކަމުގައި ހައިރާން ކުރުވާ ފަދަ ކަންތައްތަކެއް ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
އަފްރާޝީމްގެ މަރުގެ ތަފުސީލުތައް ހާމަ ކުރާނީ ދާއިރާގެ ބައި އިލެކްޝަން ނިމުމުން: ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ