ކައުންސިލްތަކުގެ ރޯލަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލެއް ނޫން: އުމަރު

ކައުންސިލްތަކުގެ ރޯލަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލު ނޫން ކަމަށާއި އެ ތަންތަނުގެ ހަގީގީ ރޯލަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެ ރަށެެއްގެ ރައްޔިތުންނަށް ދިނުން ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކައުންސިލްތަކަކީ ސިޔާސީ ހިޔާލުތަފާތުވުންތައް ކުރިއަށް ނެރެ، ރަށުގެ ރައްޔިތުން ބައިކޮށް، ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތް ހުއްޓުވާ ބަޔަކަށް ބަދަލުވެއްޖެ ނަމަ، ކައުންސިލްތަކުގެ މަގުސަދުތައް އޮޅޭނެ ކަމަށެވެ. އޭރުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް ބުރޫއަރާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އެގޮތަށް އެކަން ވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭ ވަގުތުތަކުގައި އެލްޖީއޭއިން މި ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އަޅުގަނޑުގެ އެދުމަކީ އަދި އުއްމީދަކީ މި ދެންނެވި ނުރަނގަޅު ރޮނގުު އެއްވެސް ކައުންސިލަކުން ހިޔާރު ނުކުރެއްވުމެވެ،" އުމަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދެވޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން އަންނަނީ ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ދިނުމަށް އޮތް ހުރަހެއް ނޫން ކަން މަދު ކައުންސިލަކުން ނޫނީ ސާބިތުކޮށްދެމުން އަންނަ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ޖުމްލަ 14 ކައުންސިލަރަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް މަޖުބޫރުވެ ނުހަނު ހިތާމަކުރާ ހާލު އެ ފިޔަވަޅުތައް ވަނީ ތަންފީޒުކުރެވިފަ އެވެ.-- އުމަރުގެ ބަޔާން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މަގު ދައްކައިދިނުމުގެ އިތުރުން ކައުންސިލްތައް ޒިންމާދާރުކުރުމުގައި އެލްޖީއޭގެ ދައުރު ފުޅާކުރަމުން އަންނަ ކަަމަށް ވެސް އުމަރު ވިދާޅުވި އެވެ. ތަމްރީންގެ ފުރުސަތުތަކާއި ހިންގުމުގެ ނިޒާމް ހަލުވިކުރަން ގެންނަން ޖެހޭ ބަދަލުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "ކައުންސިލް ޒިންމާދާރުކުރުމުގެ މަސައްކަތުގައި ވޭތުވެދިޔަ އެއް މަސް ދުވަހު އެލްޖީއޭ ވަނީ އުނދަގޫ ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން ޖުމްލަ 14 ކައުންސިލަރަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް މަޖުބޫރުވެ ނުހަނު ހިތާމަކުރާ ހާލު އެ ފިޔަވަޅުތައް ވަނީ ތަންފީޒުކުރެވިފަ އެވެ،" އުމަރު ވިދާޅުވި އެވެ. އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެލްޖީއޭގެ ދައުރު އަންނަނީ އިސްވެ އަމަލުކުރާ ރޯލަކަށް ބަދަލުކުރަމުންނެވެ. އޭގެ ސަބަބުން ލާމަރުކަޒީ ނިޒާމާ މެދު އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ