ކާށިދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާގެ އިންތިޚާބުގެ ޝަރީއަތް މާދަމާ ބާއްވަނީ

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ކާށިދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ. ގެމަނަފުށީ ދާއިރާގެ މައްސަލަ އިދިކޮޅު އެމްޑީޕީން ހުށަހެޅިއިރު ކާށިދޫ ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީން އެ ދާއިރާ އަށް ވާދަކުރެއްވި މިހާރުގެ ވެސް މެމްބަރު އަބްދުﷲ ޖާބިރެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން 16 ދާއިރާއެއްގެ މައްސަލަ ހުށަހެޅިއިރު އޭގެ ތެރެއިން އެ ހައި ކޯޓުން ބަލައިގަތީ 12 ދާއިރާއެއްގެ މައްސަލަ އެވެ. އެ 12 ދާއިރާގެ ތެރެއިން މިހާތަނަށް ނުފެށި އޮތީ ކާށިދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާގެ އިންތިޚާބުގެ ޝަރީއަތެވެ. އެހެން ހުރިހާ ދާއިރާތަކެއްގެ ޝަރީއަތް ފަށައި، އަޑުއެހުންތައް ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ބަންދުވެފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގައި ފުރަތަމަ އަދި ފަހު ބަސް ބުނާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތައް، ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ތެރޭގައި ބަލައި، ނިންމަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ